ގާޒީ ނިހާންގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީޢަތް ކެންސަލް ކޮށްފިއެވެ.
މިއަދުގެ 2:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކުރި ޝަރީޢަތް ޕީޖީ އޮފީހުން އެދިގެން ކެންސަލް ކޮށްފައިވާއިރު، ދައުލަތުން ވަނީ ނިހާންގެ މައްޗަށް ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
މި މައްސަލަތަކުގެ ޝަރީއަތް ނިމި ހުކުމް އިއްވަންދެން ނިހާން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މި މައްސަލަ ތަކުގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ނިހާން ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
ނިހާންގެ އިތުރުން މި މައްސަލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ