ފެންޓަސީގެ މައްސަލަ ނިމެންދެން ހިޔާލު ހޯދުމުގެ އެއްވެސް ކަމެއް ނުކުރަން ކޯޓުން އަމުރުކޮށްފި

ފެންޓަސީ ބޭކަރީ އަށް ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ ނުދީގެން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ފެންޓަސީ ބޭކަރީއަށް ހުއްދަ ދިނުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އެއްވެސްކަމެއް ނުކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ސޮއިކުރައްވާ މިއަދު ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ ވަގުތީ އަމުރު ނެރެދިނުމަށް ފެންޓަސީ ބޭކަރީގެ ފަރާތުން އެދިފައިވާ ސަބަބުތަކަށާއި، ޝަރުއީ މަސްލަހަތުތަކަށް ބަލާއިރު ޝަރީއަތުން ހުކުމް ކުރާ ގޮތަކުން ނުކުމެދާނެ ނަތީޖާއަކަށްޓަކައި ފެންޓަސީ ބޭކަރީން ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ފެންޓަސީ ބޭކަރީއަށް ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަދޭން އާންމުންގެ ޚިޔާލު ހޯދުމުގެ އެއްވެސް ކަމެއް ނުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކުރާކަމަށެވެ.
ވަގުތީ އަމުރު ނެރެދިނުމަށް ފެންޓަސީން އެދިފައިވާ ސަބަބުތަކަކީ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދަކުން ތަންނުދޭ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ އެ ކުންފުނީގެ ވިޔަފާރީގެ މަސްލަހަތަށް ގެއްލުން ލިބޭނެ ކަމެއްކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ފެންޓަސީގެ ވަކީލު ވިދާޅުވީ އެތަނަށް ހުއްދަ ނުދީގެން އުޅެނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެތާގެ ތަހުގީގު ކުރަމުންދާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާކަމަށާއި ނަމަވެސް ފުލުހުންނާއި ޕީޖީ އޮފީހަށް އެ ކުންފުނިން ފޮނުވި ސިޓީގެ ޖަވާބުގައި އެތަނަށް ހުއްދަދިނުމަށް އިއުތިރާޒުކޮށްފައި ނުވާނެކަމަށް ބުނެފައިވާކަމަށެވެ.
ވަކީލު ވިދާޅުވީ އެ ކުންފުންޏަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލްގައި އެދުމުން ހުއްދަ ދީފައި ނުވާތީ އެ ކުންފުންޏަށް ގެއްލުން ވަމުންދާތީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަށް ވެސް އެ ކުންފުނިން މިހާރު ނިންމާފައިވާކަމަށެވެ.
ސިވިލްކޯޓުގެ ގާޒީ އަބްދުﷲ އަދީބް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާއަށް ޖަވާބުދާރީ ވުމަށް ސިޓީ ކައުންސިލަށް ފުރުސަތު ދިނުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ