އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް އައްޔަނު ކުރެއްވުމަށް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ސ. މީދޫ، ކަރަންކާގޭ އަހުމަދު އަމީން އެވެ. އޭނާގެ ނަން ދިރާސާ ކުރެއްވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
އެންއައިސީ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މަގާމަށް ރުހުން ދެއްވާފައިވަނީ ހަތަރު މެމްބަރުންނެވެ.
އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް މީގެ ކުރިން ހުށަހެޅުއްވި ނަންފުޅުތަކަކީ ގަލޮޅު އަތަ ޔޫސުފް މާނިޢު މުޙައްމަދާއި، އައްޑޫ ސިޓީ މީދޫ ހަސަންކާރީގެ މުޙައްމަދު ފަރުޙާދާއި، މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ގުލިސްތާނުގެ ޙައްސާނު ޙަމީދާއި، ތިލަދުންމަތި ދެކުނުބުރި ނެއްލައިދޫ ދިލްސާދު އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އެވެ.
މީގެކުރިން ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރޭގައި ފަސް ނަންފުޅެއް ހިމެނެ އެވެ. އެއީ އެ ހަތަރު ބޭފުޅުންގެ އިތުރުން މ. ހަވާއީ މަރްޔަމް ޒީނިޔާ އެވެ. ނަމަވެސް އޭނާގެ ނަން ވަނީ އަނބުރާ ގެންދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ