ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ޙުކުމަށް ހައި ކޯޓުން ތާއިދު ކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލް ކޮށްފިއެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 ގައެވެ. މިމައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ ފުލް ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު ނާޒިމްގެ ވަކީލުން ވަނީ ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދި މީހާ ހޯދިއްޖެ ކަމަށް ބުނެފައެވެ. ވަކީލުން ބުނެފައި ވަނީ ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދި މީހާގެ ނަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށާއި އޭނާ ކޯޓަށް ހާޒިރު ކޮށް އޭނާގެ ހެކިބަސް ނަގައި ދިނުމަށް ވެސް އެދިފައި ވާނެ ކަމަށެވެ.
އާންމު އުސޫލެއްގެ ގޮތުން މަތީ ކޯޓު ތަކަށް ހެކި ހުށަހެޅުމުގެ ފުރުސަތު ނުދިން ނަމަވެސް އެފަދަ ފުރުސަތެއް ދިނުމަށް ޤާނޫނު ހުރަހެއް ނާޅައެވެ. އެހެންކަމުން ނާޒިމްގެ މައްސަލައިގައި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިޔާގެ ހެކިބަސް ނަގަން ފެންނަ ނަމަ އެކަން ކުރުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވައެވެ.
ކާނަލް ނާޒިމްގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ