މިހާރު މުޅި ގައުމު ހަލާކު ކުރަމުންދަނީ ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް އެހެންވިދާޅުވީ ރައީސް އަބުދުﷲ ޔާމީން ހައްޔަރު ކުރަން އަމުރެއް ނެރުނު މައްސަލާގައި މުހުތާޒުއާއި ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގަން ބޭއްވި އަޑުއެހުމުގައެވެ.
މިއަދު ހަވީރުން ފެށިގެން މިރޭ ވަރަށް ދަންވަން އެ އަޑުއެހުންތައް ކުރިއަށް ގެންދަވާތީ، އެކަމާ ޝަކުވާ ޝަކުވާކުރައްވަމުން މުހުތާޒް ވިދާޅުވީ ގާޒީ ބާރީ އަކީ އެއްއިރެއްގަ މިސާލެއްގެ ގޮތުން އޭނާ ނެންގެވި ބޭފުޅެއް ކަމަށާއި، އޭނާ ދަރިވަރު ވީ ވެސް ގާޒީ ބާރީގެ ފަރާތުންކަަމަށެވެ. އެހެންނަމުވެސް މިއަދު މުޅި ގައުމު ހަލާކުރަނީ ގާޒީ ބާރީމެން ފަދަ ބޭފުޅުން ކަމަށް ވިދާޅުވެ، އޭނާ އަށް އެއްވެސް އިހްތިރާމެއް މިހާރު ނުކުރައްވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނަށް އިހްތިރާމް ކުރަން. އެކަމަކު ތިބޭފުޅާއަށް މިހާރު އިހްތިރާމެއް ނުކުރަން،" މުހުތާޒް ވިދާޅުވިއެވެ.
މުހުތާޒް އެހެން ވިދާޅުވުމުން ގާޒީ ބާރީއަށް އިހްތިރާމް ކުރަންޖެހޭނެކަމަށް އޭނާ އަމިއްލަފުޅަށް ދެތިން ފަހަރަކު ވިދާޅުވިއެވެ. ބާރީ އެހެން ވިދާޅުވާ ކޮންމެ ފަހަރަކު މުހުތާޒް ޖަވާބު ދެއްވަނީ "ގަދަކަމުން އިހްތިރާމް ކުރުވަން ޖެހޭނީ،" ކަމަށެވެ.
މިރޭ ފަތިސް ވަންދެން ވެސް ޝަރީއަތް ކުރިއަށް ގެންދަވަނީތޯ މުހުތާޒް ވަނީ ގާޒީކުރެން ސުވާލުކުރަައްވާފައެވެ. އެކަމާއި ގުޅިގެން ގާޒީ ބާރީ ވިދާޅުވީ ފަތިސްވެ، އިރު އަރާތޯ ނުބައްލަވާ ކަމަށާއި މިރޭ އެއްކޮށް ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކޯޓަކީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނެއްކަން މުހުތާޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ގާޒީ ބާރީ ވިދާޅުވިއެވެ.
މުހުތާޒް ވިދާޅުވީ 24 ގަޑިއިރު ކޯޓު ހުޅުވައިގެން ހިންގަނީ ވަކި މައްސަލަތަކެއް ކަމަށާއި އޭނާ އަކީ ވެސް ކުރިން ފަނޑިޔާރަކަށް ވުމުން ކަންކަން އޮންނަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންނަމުވެސް މިހާރު ޝަރީއަތް ގެންދަނީ އޭނާގެ ބަލި ހާލަތަށް ބެއްލެވުމެއް ނެތި ކަމަށް ވިދާޅުވިއެވެ. އަދި ގާޒީބާރިީ އަށް ނިސްބަތްކޮށް މުހުތާޒް ވަނީ ތިއީ އިސްލާމީ ޝަރީއަތް އުނގެނިގެން ތިއްބަވައި، ބޭ އިންސާފުން ކަންކަން ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.
މުހުތާޒް އެހެން ވިދާޅުވުމުން ގާޒީ ބާރީ އެންގެވީ އިތުރަށް ޒުވާބު ނުކުރުމަށެވެ. އަދި މިއަދު ހަވީރު ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް މުހުތާޒާއި ގާޒީ ބާރީ ޒުވާބު ކުރި ކަމަށް ނޫސްތަކުގައި އެބައޮތްކަމަށް ގާޒީ ބާރީ ވިދާޅުވިއެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ އަޑުއެހުމުގައި މުހުތާޒާއި ބާރީގެ ހޫނު ބަހުސަކަށްވަނީ ގޮސްފައެވެ. އެއީ ކުރިން އެހެން ގާޒީއަކު މުހުތާޒްގެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް، ކުއްލި ގޮތަކަށް ގާޒީ ބާރީ އެ މައްސަލަ ބެއްލެވުމާ ހަވާލުވުމުންނެވެ.
މުޅި ގައުމު ހަލާކު ކުރަމުންދަނީ ގާޒީ ބާރީ - މުހުތާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ