ވޯލްޑް ކަޕުން ކެޓި މެޗަށް ފަހު ނޭމާ ބްރެޒިލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ރޭ ނޯވޭ އަތުން 2-1 އިން ބްރެޒިލް ބަލިވި މެޗަށް ފަހު، އެ ޓީމުގެ ތަރި ނޭމާ، ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފި އެވެ. 
އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލުން ނޯވޭ އިން ލީޑުނެގި މި މެޗުގައި އިތުރު ވަގުތުގެ ތެރޭގައި ނޭމާ ވަނީ ބްރެޒިލަށް ޕެނަލްޓީއެއް ކާމިޔާބުކޮށްދީފަ އެވެ. މި މެޗުން ބަލިވެ، ބްރެޒިލުން މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ވެސް ނުގޮސް ކެޓިއިރު، މިއީ، 1990 ގެ ވޯލްޑް ކަޕަށް ފަހު، ބްރެޒިލަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އެންމެ ދަށް ނަތީޖާ އެވެ. 
އާލިން ބްރައުޓް ހާލަންޑް މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ދެ ގޯލާއެކު 2-1 އިން ބްރެޒިލް ބަލިކޮށް، ނޯވޭ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. މި ނަތީޖާއާއެކު ބްރެޒިލް މުބާރާތުން ކަޓާފައިވާއިރު، ނޯވޭ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބްރެޒިލަށް އަދިވެސް ބަލިނުކުރެވި އޮތް ހަމައެކަނި ގައުމު
އުމުުރުން 34 އަހަރުގެ ނޭމާ، މި ފަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމެނި ތިން މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިއިރު، މިއީ، މިދިޔަ ތިން އަހަރު ތެރޭ އޭނާ ބްރެޒިލަށް ކުޅެދިން ފުރަތަަމަ މެޗުތަކެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އުރުގުއޭއާ ކުޅެނިކޮށް އަނިޔާވެގެން، ނޭމާ އަށް ދިގު މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، ގައުމީ ޓީމަށް އަލުން އެރުމަށްޓަކައި ވެސް ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. 
ނޯވޭ އަތުން ބަލިވެ، ބްރެޒިލް، ވޯލްޑް ކަޕުން ކެޓި މެޗަށް ފަހު، ދަނޑު މަތީގައި އިށީނދެގެން ހުރެ ނޭމާ ވަރަށް ރުޔެވެ. މެޗަށް ފަހު، ބްރެޒިލްގެ ގްލޯބޯ އެސްޕޯޓް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ، ވަރަށް މަސައްކަތް ގައުމީ ޓީމުގައި ކުރެވިއްޖެ ކަމަށާއި ބްރެޒިލް ގައުމީ ޓީމަށް 2010 ވަނަ އަހަރު ފުރަތަމަ މެޗެއް ކުޅުނު މެޓްލައިފް ސްޓޭޑިއަމްގައި  އެންމެ ފަހު މެޗު ކުޅެ، ގައުމީ ޓީމު ގެ ކެރިއަރު ނިމުނީ ކަމަށެވެ. 
"މިހާ ހިސާބުން މި ނިމުނީ،" ނޭމާ ބުންޏެވެ. 
ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ޕެލޭ އަތުން އަތުލި ނޭމާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، 130 މެޗުން 80 ގޯލު ވަނީ ޖަހައިފަ އެވެ. ބްރެޒިލަށް 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްދިން ނޭމާގެ ކެޕްޓަންކަމުގައި ބްރެޒިލުން ވަނީ 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ވެސް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ