ކެފޭ އުސޫލުން ޑްރަގް ވިއްކާ މާލޭގެ އިތުރު ގެއެއް ބަންދުކޮށްފި

ކެފޭ ހިންގާ ގޮތަށް، މަސްތުވާތަކެތި ވިއްކައި ބޭނުންކުރަން މީހުން ގޮސް އުޅޭ މާލޭގެ ގެއެއް ކަމަށްވާ މ. ލޭންޑް އޮފް ގާޑެންގެ ބައެއް ބަންދުކުރަން ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.
ފުލުހުން ބުނީ އެ ތަން ބަންދުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ބަންދުކުރީ ތިން މަސްދުވަހަށް ކަމަށެވެ. އެ މުއްދަތު ހަމަވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަށެވެ.
މިއީ މާލެގައި މަސްތުވާތަކެތި ވިއްކާ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެ އުޅުމަކީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ ހަފްތާ ފުލުހުން ވަނީ އައްޑޫގައި ހިންގި އޭގެ ދެ ޑްރަގް ކެފޭ ހުއްޓުވައިފަ އެވެ. އެއީ އައްޑޫ މަރަދޫގެ ގެއެއް ކަމަށްވާ ބޯޅަދަނޑުގެ އާއި އައްޑޫ ހިތަދޫ، ލާމިޔާގެއާގެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ކުރިން އޮންނަ ގޮތުން، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ. ނަމަވެސް، އެ އަށް ވުރެ ދިގު މުއްދަތަކަށް ބަންދެއް ނުކުރެވެ އެވެ.
އެ ގާނޫނަށް މި ފަހުން ގެނައި ބަދަލާއެކު، ކެފޭގެ އުސޫލުން ޑްރަގްގެ ހިދުމަތްދޭ ގިނަ ތަންތަން ވަނީ ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ