ދެންވެސް ދިވެހިރައްޔިތުން ވޯޓް ދޭންވީ އެމްޑީޕީއަށްތޯ؟: ޝެއިޚް އަބްދުﷲ

ވެރިކަމަށް އަންނަންވެގެން ވައުދުވެފައިވާ ގޮތާއި އިދިކޮޅަށް ކަންކަން ކުރަމުން ދާއިރު، ދެންވެސް ދިވެހި ރައްޔިތުން ވޯޓު ދޭންވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ތޯ، ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ސުވާލުކުރައްވައިފިއެވެ. 
ޝެއިޚު މިފަދައިން ވިދާޅުވެފައި މިވަނީ މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފޮނުވާލާތީ ހުށަހެޅި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން ވިޕްލައިނެއް ނެރުމާއި ގުޅިގެންނެވެ. 
އެގޮތުން ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އަންނަންވެގެން މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުން ވައުދުވެފައިވާ ކަމަށެވެ. 
Advertisement
އެހެންނަމަވެސް، މިހާރު އެ ޕާޓީ މެންބަރުން ތިއްބެވީ މަސްތުވާތަކެތީގެ ދޮރުކަނި ތަންމިނަށް ހުޅުވައިގެން ބާޒާރު ޤާއިމްކޮށްގެން ކަމަށެވެ. 
"ދެންވެސް ހަމަ ދިވެހިރައްޔިތުން ވޯޓް ދޭންވީ އެމްޑީޕީއަށް ބާވައެވެ.؟" ޝެއިޚް ސުވާލު ކުރައްވާފައިވެއެވެ. 
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވައިލެވޭ ގޮތަށް ހަދާފައިވާ ޤަވާއިދު އިސްލާހުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް ވެރިކަންކުރާ އެމްޑީޕީން ތުރީލައިން ވިޕެއް ވަނީ  ނެރެފައެވެ. 
މެންބަރު ޙަސަންގެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް މިއަދު މަޖިލީހުން ފާސްކުރުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ޙަސަން ވިދާޅުވީ އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ވަރަށް މުހިއްމު މަޤުޞަދެއްގައި ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާ ދެކޮޅަށް ރަތް ފިތަށް ފިތަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވިޕެއް ނެރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ