ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ޚަބަރެއް: ރެހެންދި ސްކޫލް

ރެހެންދި ސުކޫލުގައި ކުރިއަށްގެންދިޔަ ކެޑޭޓު ހަރަކާތެއްގެ ތެރެއިން އެސުކޫލުގެ 70 އަށްވުރެ ގިނަ އަންހެން ދަރިވަރުންގެ ޔުނީފޯމް ބާލުވައި އެކުދިން ގަޔަށް ފެންޖެހިކަމަށް، ބެލެނިވެރިއަކާއި ހަވާލާދީ ލިޔެފައިވާ ޚަބަރު ރެހެންދި ސުކޫލުން ދޮގުކޮށްފިއެވެ.
ނޮވެމްބަރު 10އިން 12އަށް ރެހެންދި ސްކޫލްގައި ހިންގި ކެޑޭޓް ކޭމްޕުގައި 200 ކެޑޭޓް ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 78 އަންހެން ދަރިވަރުންނާއި، 122 ފިރިހެން ދަރިވަރުންނެވެ.
ރެހެންދި ސްކޫލުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހަރަކާތާއި ގުޅިގެން ސްކޫލްގެ އެއްވެސް ބެލެނިވެރިއަކު ނޫހުގައި ދައުރުވަމުންދާފަދަ ހާދިސާއެއް ރިޕޯޓްކޮށްގައި ނުވާކަމަށެވެ. ސްކޫލްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުންކަމަށް ބުނެ، ރަޖިސްޓްރީގައި ނެތް ފަރާތަކުން ސްކޫލްގެ ނަމާއި، ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ފަތުރަމުންދާތީ އެކަން ނުކުރުމަށްވެސް އެސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.
ބަޔާނުގައި ބުނެފައިވަނީ، އެހަރަކާތް ކުރިޔަށްގެންދިޔުމުގައި ފިރިހެން ދަރިވަރުންނާއެކު ފިރިހެން ޓީޗަރުން އަދި، އަންހެން ދަރިވަރުންނާއެކު އަންހެން ޓީޗަރުން ހަރަކާތްތެރިވެފައިވާކަމަށެވެ. ކޭމްޕްގެ އިންތިޒާމުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ކޭމްޕްގެ "ފީޑްބެކް ސެޝަން" ތާވަލްކޮށްގެން ކުރިޔަށްގެންގޮސްފައިވާކަމަށްވެސް ރެހެންދި ސްކޫލުން ވަނީ ބުނެފައެވެ. އަދި ކޭމްޕް ނިމިގެން ދިޔައިރުވެސް އެއްވެސް ދަރިވަރެއްގެ ފަރާތުންވެސް އަދި ޓީޗަރެއްގެ ފަރާތުންވެސް މިދަފަ އެއްވެސް މައްސަލައެއް ހިއްސާކޮށްފައި ނުވާކަމަށާއި، ކޭމްޕްގެ ތެރޭގައި މިފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމަށް އެއްވެސް ބެލެނިވެރިއަކު ހިއްސާކޮށްފައި ނުވާކަމަށެެވެ.
އެހެންކަމުން ދަރުރުވަމުންދާ ޚަބަރާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މޯލްޑިވްސް ކެޑޭޓް ކޯރ އަދި ރެހެންދި ސްކޫލާއި ގުޅިގެން މިކަން އިތުރަށް ބެލި ބެލިމުން، އެސްކޫލްގެ ކެޑޭޓް ކޭމްޕާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާއި ހިލާފު ޚަބަރެއްކަން އެނގޭކަމަށް ރެހެންދި ސްކޫލުން ވަނީ ބުނެފައެވެ. އެފަދަ ގޮތަކަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަމުގެ ޔަގީންކަންވެސް ސްކޫލުން ވަނީ ދީފައެވެ.
ރެހެންދި ސްކޫލުން ވަނީ، މިފަދަ ހަގީގަތާއިހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ