ކެޑޭޓް ކޭމްޕާއި ގުޅުވައި ފަތުރަނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް: ރެހެންދި ސްކޫލް

ރެހެންދި ސްކޫލުގައި މިމަހު ކުރިއަށްގެންދިޔަ ކެޑޭޓް ހަރަކާތުގެ ތެރެއިން ކުދިންގެ ކަރަމާތައް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއްކޮށްފައިނުވާކަމަށާއި، މި ހަރަކާތާއި ގުޅުވައިގެން ބައެއް މީޑީއާތަކުން ފަތުރަމުންދާ ޚަބަރު ރެހެންދި ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީންވެސް ދޮގުކޮށްފިއެވެ.
ރެހެންދި ސްކޫލުން ނެރުނު ބަޔާނުގައި ބުނީ އެ ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތާއި ގުޅިގެން އެ ސްކޫލުގެ އެއްވެސް ބެލެނިވެރިއަކު މީޑިއާގައި ދައުރުވަމުންދާ ފަދަ ހާދިސާއެއް ރިޕޯޓްކޮށްފައިނުވާކަމަށެވެ. އަދި ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ ސްކޫލުގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން ސްކޫލުގެ ނަމާއި، ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ފަތުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.
ރެހެންދި ސްކޫލުން ވިދާޅުވީ، މި ކެޑޭޓް ކޭމްޕު ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވެފައި ވަނީ ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްބިރުން އަދި އަންހެން ދަރިވަރުންނަށް އަންހެން މުދައްރިބުން ކަމަށެވެ. އަދި ކޭމްޕުގެ ހުރިހާ ވަގުތެއްގައިވެސް ސްކޫލުގެ ކެޑޭޓް މުދައްރިސުންވެސް ހަރަކާތްތެރިވަމުން ގޮސްފައިވާކަމަށާއި ކޭމްޕުގެ އިންތިޒާމުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ކޭމްޕުގެ "ފީޑްބެކް ސެޝަން" ތާވަލްކޮށްގެން ކުރިއަށްގެންގޮސްފައިވާކަމަށް ރެހެންދި ސްކޫލުން ބުނެއެވެ.
ކޭމްޕު ނިމިގެންދިޔައިރުވެސް އެއްވެސް ދަރިވަރެއްގެ ފަރާތުންވެސް އަދި ޓީޗަރެއްގެ ފަރާތުންވެސް މިފަދަ އެއްވެސް މައްސަލައެއްގެ ވާހަކަ ހިއްސާކޮށްފައިވާނުވަކަމަށްވެސް އެ ސްކޫލުން މަޢުލޫމާތުދެއެވެ.
އެހެންކަމުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ޚަބަރާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި، މޯލްޑިވްސް ކެޑޭޓް ކޯރ އަދި ރެހެންދި ސްކޫލް ގުޅިގެން މިކަން އިތުރަށް ބެލިބެލުމުން ކެޑޭޓް ކޭމްޕާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައި ޝާޢިއުކޮށްފައިވާ ޚަބަރަކީ، އެ ޚަބަރުތަކުގައި ހާމަކޮށްފައިވާ ބީދައިން ކަންހިނގާފައިނުވާ، ޙަޤީޤަތެއްނެތް ވާހަކައެއްކަމަށް ރެހެންދި ސްކޫލުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަގޮތަކަށް އެއްވެސްކަމެއް ހިނގާފައިނުވާކަމުގެ ޔަޤީންކަން އެ ސްކޫލުން ވަނީ އަރުވާފައެވެ.
މިމަހުގެ 10 އިން 12 އަށް ރެހެންދި ސްކޫލުގައި ކުރިއަށްގެންދިޔަ މި ކެޑޭޓް ކޭމްޕުގައި ޖުމްލަ 200 ކެޓޭޓް ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 78 އަންހެން ދަރިވަރުންނާއި، 122 ފިރިހެން ދަރިވަރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ