މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް، ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު: މެޓް

މިއަދާއި މާދަމާ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި އެންމެ އަވަހަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެނީ އަންގާރަ ދުވަހު ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން މިއަދު "ސަން"އަށް ބުނީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ދެ ދުވަހު ވައި ގަދަވެ، ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. "އުތުރާއި މެދު ރާއްޖެތެރެއަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގަ. ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގަ ވައިޖެހޭނެ ކަމަށް ލަފަކުރެވޭ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ،" މެޓް އޮފީހުން ބުންޏެވެ. މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނުން ފެށިގެން މިއަދުގެ މެންދުރުފަހު 14:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް އެ އޮފީހުން ބުންނެވެ. މުޅި ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ