އަޑުއުފުލަންވީ ދުއްތުރާއަކަށް ނުވާ ގޮތަށް: ރައީސް

ސަރުކާރުން ކުރާ ކަންކަމާއި މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހޭނަމަ އަޑުއުފުލަންވީ ކަމަށާއި އެހެންނަމަވެސް އަޑުއުފުލަން ވާނީ އެހެން މީހުންނަށް އެކަމުގެ ސަބަބުން ދުއްތުރާއަކަށް ނުވާނެ ގޮތަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ކެމްޕެއިނުގައި މިއަދު އއ. އުކުޅަހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ޝުއޫރު ފާޅު ކުރުމާއި، އެއްވެ އުޅުމަކީ މީގެކުރީގެ ސަރުކާރުގައި ބޮޑު ބިރަކަށްވެފައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު 2018ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައުމަށްފަހު އެއްވެސް ހުރަހެއް ނެތި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫސްވެރިކަމުގެ މިނިވަންކަން އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލިން،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ހައްގުތަކުގެ ބޭނުން ހިފާއިރުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ތިމާ ފާޅު ކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ސަބަބުން ދެން ހުރި މީހަކަށް ދުއްތުރާލަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުމެންނަށް ބައެއް ފަހަރު އެ މަންޒަރު އެބަފެނޭ. އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާ ކުރާކަށް އަޅުގަނޑު ނެތިން. ހިޔާފާޅު ކުރާކަށް ހުއްޓުވާކަށްވެސް ނެތިން. ޝުއޫރު ފާޅުކުރަންވީ. އެހެންނަމަވެސް އެއީ ދެން ތިބި މީހުންނަށް ދުއްތުރާލަކަށް ވެގެން ނުވާނެ. ކުރިޔަށް ގެންދަވަންވީ އެބޭފުޅުންވެސް. އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ. ހުއްޓުވާކަށްވެސް ނެތިން،” ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ދެކޮޅަށް އަޑު އުފުލި ނަމަވެސް އެހެން ފަރާތްތަކަށް ވެސް ހަރަކާތްތައް ހިންގުމަށް ފުރުސަތު ދޭން ވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ރައީސްގެ ކެމްޕެއިނާ ދިމާކޮށް، ބައެއް ރަށްރަށުގައި ގެންދަނީ މުޒަހަރާ ކުރަމުންނެވެ. މުޒާހަރާތަކުގައި ގޮވަމުންދަނީ މަނީލޯންޑާގެ ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިދިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދި ރައީސް ސޯލިހަށް ނިސްބަތްކޮށް ބޭއަދަބީ ބަސް ލިޔެފައިވާ ޕޯސްޓަރު ވެސް ގެންގުޅެފައިވެއެވެ.
ބައެއް ރަށްރަށުގައި އިދިކޮޅުން ގެންދާ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިވެސްލާފައިވެއެވެ. އެގޮތުން ގއ. ވިލިނގިއްޔަށް ރައީސް ވަޑައިގެންނެވުމުން، އެ ރަށުގައި މުޒާހަރާ ކުރި އިދިކޮޅު ސަޕޯޓަރުން ވަނީ ފުލުހުންގެ ސަފު ފޫއަޅުވާލާފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ