ކޮއްކޮމެން އާއި ޝަރީފީ ޕްރީ ސްކޫލް އެއްބަސްވުމަކަށް

މާލޭގައި ހިންގަމުން އަންނަ ކޮއްކޮމެން ޕްރީ ސްކޫލާއި އައްޑޫ މީދޫ ޝަރީފީ ޕްރީ ސްކޫލާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ކޮއްކޮމެން ޕްރީ ސްކޫލަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްކޮށް ހުންނަަވައިގެން ހިންގަވާ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.
އެގޮތުން ކޮއްކޮމެން ޕްރީ ސްކޫލާއި ޝަރީފީ ޕްރީ ސްކޫލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި އެ ސްކޫލްގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.
ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އައިއޯސީސީގެ ރައީސް އަދި ކޮއްކޮމެން ޕްރީ ސުކޫލްގެ ޗެއާމަން ޑރ. ޝަހީމެވެ. ޝަރީފީ ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރީ އެ ސްކޫލްގެ ވެރިޔާ އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ސްކޫލް ގުޅިގެން ތަޖުރިބާތައް ބަދަލުކުރުމާއި ކިޔަަވައިދޭ ދާއިރާގެ ޓްރެއިނިންނާ މިފަދަ ކަންކަމުގައި އެހީތެރިކަން ބަދަލުކުރުން ހިމެނޭ ކަމަށް އައިއޯސީސީސީން ބުންޏެވެ.
އެތަނުން މީގެ ކުރިން ވެސް ތައުލީމީ ބައެއް އިންސްޓިޓިއުޝަންތަކާ އެކީ މިފަދަ އެއްބަސްވުންތައް ހަދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ