ކުނި ނެރެންޖެހޭނީ ޕްލާސްޓިކް ކޮތަޅުގައި، ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވެ ބުރައަކަށް!

އިއްޔެއިން ފެށިގެން ޕްލާސްޓިކް ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނަގަން ފަށައިފިއެވެ. ސަރުކާރުން ޤާނޫނަށް ގެނައި އިސްލާހާއެކު މިހާރު ކޮތަޅު ވިއްކާ ކޮންމެ ފަހަރަކު ކޮތަޅަކުން 2 ރުފިޔާ ނަގާނެއެވެ.
މި ބަދަލު އައުމާއެކު ބާޒާރުގައި ޕްލާސްޓިކް ކޮތަޅު ވިއްކާ އަގު ވަރަށް ބޮޑަށްވަނީ އުފުލިފައެވެ. އެގޮތުން ކުރިން 20 ރުފިޔާއަށް ވިއްކި 100 ކޮތަޅުގެ ޕެކެޓެއް މިހާރު ވިއްކަނީ 220 ރުފިޔާއަށެވެ. އަދި ކުރިން 68 ރުފިޔާއަށް ލިބުނު ކޮތަޅު ބޮޑި މިހާރު ލިބެނީ 268 ރުފިޔާއަށެވެ.
މާލޭގެ ގޭބީސީތަކުން ކުނި ނެރެން އާންމުކޮށް ހުރިހާ ގެއެއްގައިވެސް ބޭނުންކުރަނީ ޕްލާސްޓިކް ކޮތަޅެވެ. ޕްލާސްޓިކް ކޮތަޅު ނޫން ކޮތަޅެއްގައި ކުނި ނެރުމުން ވެމްކޯއިން އެ ކުނި ނުނަގައެވެ. އެހެންކަމުން ހުރިހާ ގޭބީސީތަކަށްވެސް ކުނި ނެރުމަށް ޕްލާސްޓިކް ކޮތަޅު ގަންނަންޖެހެއެވެ.
މިފަދައިން ހުރިހާ ގެއަކަށްވެސް ޟަރޫރީ ގޮތުން ބޭނުންވާ އެއްޗެއްގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ސަބަބުން ގޭބީސީތަކުގެ ޚަރަދަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް އާންމުން ބުނެއެވެ. "އަހަރުމެން ކޮންމެ މަހަކު ދެތިން ފަހަރަށް ޕްލާސްޓިކް ބޮޑި ގަންނަންޖެހޭ. ކުރިން އަހަރުމެން 20 ވަރަަކަށް ރުފިޔާއަށް ގަތް ކޮތަޅު ބޮޑި މިހާރު 220 ރުފިޔާއަށް ބޮޑުވީމައި އެއީ ބޮޑު ތަކުލީފެއް،" "ދިޔަރެސް"އާ ވާހަކަދެއްކި އާންމު މީހަކު ބުންޏެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ބަދަލާއެކު ކޮތަޅު ބޭނުންކުރާ މިންވަރު މަދުވާނެއެވެ. ނަމަވެސް ގިނަ ބައެއްގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކަން ކުރެވިދާނެކަމާމެދު އާންމުން ޝައްކުކުރެއެވެ. "އޮފީހުގައި އިދެފައި މިދަނީ ގެއަށް ތަކެތި ގަންނަން. ކޮންމެ ފަހަރަކު އަތުގައި ފޮތި ކޮތަޅެއް ނޯންނާނެ. އެހެންވީމައި ދެ ރުފިޔާ ދީފައި ޖެހޭނީ ހަމަ ޕްލާސްޓިކް ގަންނަން. ޖީބަށް ބުރަ ބޮޑުވުން ނޫންކަމެއް ވާނެހެން ހީނުވޭ،" މި ބަދަލާމެދު ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ތަނަވަސް ޤައުމުތަކުގައި ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނުވަތަ ފީއެއް ނެގި ނަމަވެސް އެފަދަ ޤައުމުތަކުގައި މީހުންގެ ދިރިއުޅުމުގެ ހާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ހާލަތުގެ ތަފާތުކަން ފާހަގަކޮށް ބައެއް އާންމުން ބުނެފައިވަނީ ރާއްޖެއާ ނުގުޅޭ ޤާނޫނުތަކެއް ހެދި ނަމަވެސް ނަތީޖާ ނުނިކުންނާނެ ކަމަށެވެ.
"މިއީ ނޯޑިކް ކަންޓްރީއެއް ނޫން. އެހާ ވެލްތީއެއްވެސް ނޫން އަހަރުމެން. އެހެންވީމައި އެތަންތަނުން ޤާނޫނުތައް ނަގައިގެން ގެނެސް މިތާ ތަންފީޒުކުރަން އުޅުނަސް، އެކަންކަން ނުވާނެ،. ސިގެރެޓު ބުއިން ކޮންޓުރޯލުކުރަން ހެދި ޤާނޫނުތައް އެބަހިނގާތަ؟،" "ދިޔަރެސް"އާ ވާހަކަދެއްކި ޒުވާނާ ސުވާލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ