މުޒާހަރާއިން ހައްޔަރު ކުރި ލަންކާ މީހާ ކޯޓުން ދޫކޮށްލައިފި

ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާ ގައުމު ދޫކޮށް ފިލުމަށް ފުރުސަތުދީ، ރާއްޖެއަށް ވަޑައިގަތުމުން އެގައުމުގެ ރައްޔިތުން މާލޭގައި އިއްޔެ ކުރި މުޒާހަރާއިން ހައްޔަރު ކުރި މިހާ ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ގޮތާބާޔަ އަށް ދިވެހި ސަރުކާރުން ހިމާޔަތް ނުދީ، އޭނާ އަނބުރާ ގައުމަށް ފޮނުވާލަން ގޮވާލާ ލަންކާ ރައްޔިތުން ކުރި މުޒާހަރާއިން ލަންކާ ރައްޔިތަކު ހައްޔަރު ކުރީ ނޫރު މިސްކިތް ކައިރިންނެވެ. އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން އެދުމުން އޭނާ ނުދިޔުމުން ފުލުހުންގެ ވެހިކަލްއަށް އޭނާ އެރުވި އެވެ.
ތަފްސީލު - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ، ފުލުހުންގެ ދައުރު އަދާ ކުުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ.
"ކޯޓުން ވަނީ ޝަރުތުތަކަކާއެކު އެ މީހާ ދޫކޮށްލާފައި. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
މާލޭގައި އިދިކޮޅުން ބާއްވާ މުޒާހަރާތަކުގައި ހައްޔަރު ކުރާ ފަރާތްތައް ކޯޓަށް ނުގެންގޮސް ފުލުހުން މީގެ ކުރިން ދޫކޮށްލާފައިވެ އެވެ. މި މައްސަލައިގައި މިހާ ހަރުކަށިކޮށް އަމަލު ކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތަކުގައި ބިދޭސީން މުޒާހަރާ ކުރުމަކީ މަނާކަމެކެވެ. 
މުޒާހަރާ ފެށިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ލަންކާ މީހުންގެ އަތުގައި ހުރި ޕޯސްޓަރުތަކާއި ދިދަތައް ނަގައި، އެމީހުން އެ ސަރަހައްދުން ފޮނުވާލާފަ އެވެ. ބައެއް މީހުން ހައްޔަރުވާން ބޭނުން ނުވާތީ އެކި މަގު މަގުން ގޮސް، މުޒާހަރާ ވަރަށް އަވަހަށް ރޫޅުނެވެ. އެމީހުންގެ ކަންބޮޑުވުމަކީ، ރާއްޖެއިން ލަންކާ ރައީސްއަށް ހިމާޔަތް ދިނުމެވެ.
އިތުރަށް ކިޔާލަން: ރާއްޖެ ދެކެ ލޯބިވޭ؛ އެދުނީ 'ވަގުން' ހިމާޔަތްނުކުރަން
އެނގުން މުހިންމު - އިގްތިސާދު ފުނޑިފައި އޮތް ލަންކާގެ ރައްޔިތުން ދަތިހާލުގައި އުޅެމުންދާ މި ދަނޑިވަޅުގައި ގޮތާބާޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި މިއަދު އެމަނިކުފާނު ވަނީ ސައުދިއާ ފްލައިޓެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ. މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ