މަރާލުމަށް ފަހު މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ 2010ގައި ފެނުނު
މަރިޔަމް ޝީރީން މަރާލީ އޭނާގެ ލޯބިވެރިޔާ، ލ. ކަޅައިދޫ/އޯޝަންވިލާ،
މުހައްމަދު ނަޖާހުކަން މިއަދު ސުޕްރީމް ކޯޓުން ވެސް ސާބިތުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މީގެ
12 އަހަރު ކުރިން ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް ޖެނުއަރީ 2010ގައި
އޭނާގެ ހަށިގަނޑު ފެނުނީ، މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއަށް އެއްލާލާފައި އޮއްވަ އެވެ. އެ މައްސަލައިގައި:
ތުހުމަތުގެ އިނގިލި އަމާޒުވީ ޝީރީންއާ އެކު ދިރިއުޅެމުން ދިޔަ އޭނާގެ ލޯބިވެރިޔާ ނަޖާހަށް
ދައުލަތުން ބުނާ ގޮތުގައި، ނަޖާހު އެ ދެ މީހުން ދިރިއުޅުނު ކޮޓަރި ތެރޭގައި ޝީރީންއަށް ހަމަލާދީ މަރާލުމަށް ފަހު، ފޮއްޓަކަށް ހަށިގަނޑު ލައިގެން ގެންގޮސް ހަދަމުން ދިޔަ އިމާރާތުގެ ތެރެއަށް އެއްލައިލީ
ތަހުގީގު މަރުހަލާގައި ނަޖާހު ހުރީ ހަނު
މެއި
2015: މި މައްސަލައިގައި ނަޖާހުގެ މައްޗަށް ކުރި ގަސްތުގައި މީހަކު
މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި
އޮގަސްޓް 2020: ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން މައްސަލަ ބަލައި ނަޖާހުގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމި
ޖެނުއަރީ 2021: ހައި ކޯޓުން އޭނާ 12 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި
އެ
މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ނިންމާފައި ވަނީ
މައްސަލައިގައި ހުށަހަޅާފައި ހުރި ގަރީނާތައް ގުޅުވާލުމުން އަދި
މައްސަލައިގައި ހެކިވެރިން ދައްކާފައި ހުރި ވާހަތަކުން ޝީރީން މަރާލީ
ނަޖާހުކަން ސާބިތުވާ ކަމަށެވެ. އަދި ހައި ކޯޓުން އޭނާ އޭނާ 12 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި އެ ހުކުމަށް ތާއީދު ކުރި އެވެ.
ނަޖާހުގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ކުށް ހައި ކޯޓުން ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ގަރީނާތައް ގުޅުވާލައިގެން އޭގެ މައްޗަށެވެ. އެހެންވެ، ނަޖާހުގެ ފަރާތުން ބުނެފައި ވަނީ އޭނާ ކުރި އަމަލެއް ދައްކާނެ ސީދާ ހެކިތަކެއް ނެތީސް އޭނާގެ މަައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދާއި މަހާޒް އަލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހިމް ތާއީދުކުރެއްވި އެ ހުކުމުގައިވާ ގޮތުން:
ގަރީނާއިން ކުށް ސާބިތުވާ ކަމަށް ނިންމާ ނަމަ މައްސަލައިގެ ޖުމްލަ ނަތީޖާ ވާން ޖެހޭނީ ހަމައެކަނި މައްސަލަ ރައްދުވާ ފަރާތް ކުށް ކޮށްފައިވާކަން ދޭހަވުން ކަމަށް
އެހެން އެއްވެސް ގޮތަކަށް ބުއްދީގެ ހަމަތަކުން ބެލެވިގެން ނުވާނެ ކަމަށް
"މި ގަރީނާތަކަށް ބިނާކޮށް، މުހައްމަދު ނަޖާހު ކުށްވެރިވާ ކަމަށް ކަނޑައެޅޭނީ މި މައްސަލައިގެ ވަށައިގެންވާ އެންމެހާ ހާލަތްތަކާއި ވަށައިގެންވާ އެންމެހާ ވާގިއާތައް ހުރީ ނަޖާހުގެ މައުސޫމްކަމާ ފުށޫއަރާ ގޮތަށް ވާ ނަމަ. ހެކީގެ ޗެއިނުގައި ނުގުޅޭ ބޮޅެއް ނެތް ނަމަ އަދި މުހައްމަދު ނަޖާހުގެ މައުސޫމްކަމަށް އިޝާރާތް ކުރާ އެއްވެސް ވާގިއާއެއް ނެތް ނަމަ މުހައްމަދު ނަޖާހުއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކަކީ ސާފު އަދި ބުއްދީގެ ހަމަތަކަށް ފެތޭ އަދި ގަބޫލުކުރެވޭ ހެކިތަކަކަށް ވާން ޖެހޭނެ،" އެ ހުކުމުގައިވެ އެވެ.
މި މައްސަލައިގެ މުޅި ސިލްސިލާއަށް ބަލާއިރު، އެ ސިސްލިސާގެ ހުރިހާ ބޮޅުތައް ހުރީ ނަޖާހުގެ މައުސޫމްކަމާ ފުށޫއަރާ ގޮތަށް ކަމަށް ހުކުމުގައިވެ އެވެ. މައްސަލައިގެ އެއްވެސް ވާގިއާއަކުން އޭނާގެ މައުސޫމުކަން ދޭހަ ނުވާ ކަމަށް ވެސްވެ އެވެ. އަދި އެކަމުގެ ތަފްސީލުތައް ވެސް ކަން ހިނގައި ދިޔަ ގޮތާއި ހެކިވެރިން ދިން ހެކިބަހުން ފާހަގަކުރި އެވެ.
ނަޖާހު އާއި ޝީރީން އުޅުނު ކޮޓަރިން މީހަކު މަރާލަން ބޭނުން ކުރެވިދާނެ ފަދަ ހަތިޔާރެއް ފެނުނު ނަމަ އޭނާގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށް ނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަމަކު، އެފަދަ ހަތިޔާރެއް ނުފެނުނަސް، ޝީރީން މަރުވީ ތަބީއީ މަރަކުން ނޫންކަން ޑޮކްޓަރުންގެ ބަހުން އެނގޭތީ، އޭނާ މަރުވި އިރު އެ ތަނުގައި ނަޖާހު ފިޔަވައި އެހެން މީހަކު ނެތުމުން މައްސަލައިގެ "ޗެއިނެއްހެން ގުޅިފައިވާ" ގަރީނާތަކުން ޝީރީން މަރާލީ ނަޖާހު ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ހުސްނުއްސުއޫދު ލިޔުއްވި އެވެ.
"މަރިޔަމް ޝީރީން މަރުވީ މުހައްމަދު ނަޖާހުގެ އަމަލަކުން ނޫން ނަމަ، މަރުގެ ހެކި ފޮރުވަން ނަޖާހު އެ ވަރަށް މަސައްކަތްކޮށް ޝީރީންގެ މަރަށް ފަހު އެ މަރު ފޮރުވުމަށް ދެކޮޅު ނުޖެހޭ ރޯމަރު ދޮގުތަކެއް ނަޖާހު ހަދައި އޮޅުވާލައި މަރުވެފައިވާ ގޮތް ފޮރުވުމަށްޓަކައި ހަށިގަނޑު ފޮއްޓަކަށް ލައިގެން ކުނިތަކެއް ތެރެއަށް އެއްލާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ހުކުމުގައިވެ އެވެ.
ކުށް ކުރި ތަން ލޮލުން ފެނުނު މީހަކު ނެތުމަކީ އޭނާ ކުށްވެރި ނުވާ ކަމަށް ކަނޑައަޅައި ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ. ކުށް ކުރި ތަން ފެނުނު މީހަކު ނެތް ހާލަތުގައި ދައުވާ ލިބޭ މީހާ ކުށްވެރި ކުރުވާ ހާލަތްތައް އޭނާއަށް ހުށަހެޅުމުން އޭނާ ކަން ވީ ގޮތް ކިޔައިނުދީފި ނަމަ ނުވަތަ ކިޔައިދީފައި ވަނީ "ރޯމަރު ދޮގު" ކަމުގައިވާ ނަމަ އެއީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކުގެ ޗެއިނު ވަށައި ޖައްސާ ފަހު ބޮޅަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މި މައްސަލައިގައި އޭނާ އެފަދަ ދޮގުތަކެއް ހަދާފައި އެބަހުރި ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ މަރުގެ މައްސަލަތައް ސާބިތު ކުރާއިރު، މަންޒަރު ދުށް މީހަކު ނެތް ހާލަތުގައި މަރުވި މީހާއާ އެކު އެންމެ ފަހުން ފެނުނު މީހާ ފިޔަވައި އެހެން މީހަކު އޭނާ މަރާލި ކަމަށް ބުއްދިއަށް ގަބޫލު ނުކުރެވޭ ހާލަތުގައި އެކަން ކުރީ އެ މީހާ ކަމަށް ބެލެވޭނެ ކަމަށެވެ. އަމިއްލަ މައުސޫމްކަން ދައްކަން ހެކި ހުށަހެޅުމަކީ މަރުވި މީހާއާ އެކު އެންމެ ފަހުން ހުރި މީހާ ކުރަން ޖެހޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު، އޭނާ އެ ގޮތަށް އަމަލުކޮށްފައި ނުވާކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.
ޝީރީން އެހެން މީހަކާ ރައްޓެހިވެގެން އުޅޭ ކަމަށް ނަޖާހަށް ޝައްކުކުރެވޭކަން ހެކީންގެ ހެކިބަހުން އެނގޭއިރު، އެއީ ނަޖާހު އަތުން ޝީރީން މަރުވެގެން ދިއުމުގެ މޯޓިވް ކަމަށް ވެސް ހުކުމުގައިވެ އެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ސިލްސިލާ، ހުކުމުގައި ވަރަށް ތަފްސީލުކޮށް ފާހަގަކުރި އެވެ. އެގޮތުން ނަޖާހު އާއި ޝިރީން ކަލައިދޫގައި އުޅުނު އިރު ކުރި އަނިޔާތަކުން ފެށިގެން އޭނާ މަރުވުމުން ފޮއްޓަކަށް ލައިގެން ގެންދިއުމާ ހިސާބަށް ހުރި ހެކިބަސް ފާހަގަކުރި އެވެ.
ރައްޓެހިވެގެން އުޅުނު އިރު ނަޖާހު ޝީރީނަށް އެއްވެސް ރަހުމެއް ނެތި އަނިޔާކުރާ ކަމަށާާއި މަރުގެ އިންޒާރު ދިން ކަމަށް ޝީރީން އޭނާގެ އާއިލާ މީހުންނާއި ރައްޓެހިން ގާތުގައި ބުނެފައި ވާކަން އެ މީހުންގެ ހެކިބަހުން ސާބިތުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ރަށުގައި އުޅުނު ދުވަސްވަރު ހިނގި ކަންކަމާ ގުޅޭ ގޮތުން ހެކިން ބުނި ގޮތުގައި:
ނަޖާހުގެ ކުރީގެ އަނބިމީހާ އާއި ޝީރީންގެ
ތެރެއިން ކޮންމެވެސް އެކަކު މަރާލަން ޖެހިއްޖެ ނަމަ ޝީރީން މަރާލާނެ ކަމަށް
ނަޖާހު ބުނި ކަމަށް ކުރީގެ އަނބިމީހާ ބުނެފައިވޭ
ޝީރީންގެ ލޯމައްޗަށާއި އެކި ތަންތަނަށް އަނިޔާކޮށްފައި ހުއްޓާ ފެނުނު ކަމަށް އެކި މީހުން ހެކިބަސް ދީފައިވޭ
ޝީރީނަށް އަނިޔާ ކުރާތީ އެކަން ހުއްޓުވަން ބަޔަކު ގޮސް ފުރާޅު މައްޗަށް ގަލެއް އެއްލުމުން ބޮޑު ވަޅިއެއް ހިފައިގެން ނަޖާހު ނުކުތް
އެ ރޭ ޝީރީން އޮރިޔާންކޮށް އޭނާގެ ހުރިހާ ހެދުންތަކެއް ހިފައިގެން ގޮސް އެހެން ތަނެއްގައި ފޮރުވި ކަމަށް؛ އެކަން ކުރީ ޝީރީން އޭނާ ދޫކޮށް ދާން އުޅޭތީ ކަމަށާއި ލޯބިިވެގެން އުޅޭއިރު ބޭނުން ގޮތަކަށް ނޫޅެވޭނެ ނޫންހޭ ބުނި ކަމަށް
އޭނާ ކުރިމަތީގައި ނަޖާހު ފޯނުން ޝީރީނަށް އިންޒާރު ދިން ކަމަށާއި އޭނާ އަކީ އެފަދަ އަނިޔާވެރި އަމަލެއް ހިންގަފާނެ ވަރުގެ މީހެއް ކަމަށް ވެސް ބުނެފައިވޭ
އެއް ދުވަހަކު ޝީރީންގެ ލޯމަތި ރަތްވެ ދުޅަވެފައި ހުރެގެން މީހަކު ސުވާލު ކުރުމުން ތިމަންނާ މަރުވާނީ ނަޖާހު އަތުން ކަމަށް ބުނެފައި އެ ތަނުންް ދިޔަ ކަމަށް މީހަކު ހެކިބަސް ދީފައިވޭ
ޝީރީން ކަލައިދޫއިން މާލެއަށް ބަދަލުވީ ނަޖާހުގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކުގެ ސަބަބުން ކަމަށް ޝީރީން އޭނާގެ މަންމަ ގާތުގައި ބުނެފައިވެ އެވެ. އޭނާ މާލެ އައިސް ދިރިއުޅެމުން ދިޔައީ އޭނާގެ ރަހުމަތްތެރި މިރުފަތު ހަނީފު (ހަނީ)ގެ ގޭގެ ކޮޓަރިއެއްގަ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ބެލި އިރު ހަނީ ކޯޓަށް ހާޒިރުކޮށްގެން އޭނާއާ ސުވާލުކުރި އެވެ.
ހަނީފު ބުނި ގޮތުގައި:
ޝީރީން މާލެއަށް އައުމުން އޭނާގެ ފަހަތުން ނަޖާހު ވެސް މާލެއަށް އައިސް ޝީރީންގެ ކޮޓަރީގައި އުޅެން ފެށި
ނަޖާހު ޝީރީނަށް އެތައް ފަހަރެއްގެ މަތިން އަނިޔާ ކުރާ ކަމަށާއި، މާލެ އައިތާ ދުވަސްކޮޅެއް ފަހުން ވެސް އެ ދެ މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގަން ފެށި
ޝީރީން އުޅެނީ އެއްވެސް މީހަކާ ރައްޓެހިވެގެންތޯ ނަޖާހު މިރުފަތު ގާތުގައި އެހި
ޝީރީން މަރާލި 30 ޑިސެމްބަރު 2009ގެ ރޭގަނޑު ނަޖާހު ކޮޓަރީގެ ބޭރުން ތަޅުލަމުން ގެންދިޔަ
އެ ރޭ ނަޖާހު ބެލްކަންޏަށް ދިޔަ ވަގުތު ކޮޓަރީގެ ދޮރު ހުޅުވައި ބަލާލި އިރު ޝީރީން އޮތީ އެދުމަތީގައި ފާރާވީ ކޮޅަށް އެނބުރިގެން؛ ޝީރީންއަށް ކިހިނެއް ވީތޯ ނަޖާހުއާ ސުވާލު ކުރުމުން ބުނީ ޝީރީން ބޮލަށް ތަދުވާތީ "ބިޑިއެއް ބޮއެގެން" އޮތީ ނިދާފައި ކަމަށް
އެ ރޭ ޝީރީންގެ ކޮޓަރީގެ ފަންކާ ހަދަން ގެނައި މީހާ ވެސް ކޮޓަރިއަށް ނުވެއްދި؛ ނަޖާހު ބުނީ އަމިއްލައަށް ފަންކާ ހެދޭނެ ކަމަށް
އެ ރޭ ނަޖާހު ކޮޓަރިއަށް ފެންފުޅިއެއް ވެއްދި ކަމަށާއި ފަތިހު ކޮޓަރި ތެރެއިން އެއްޗެއް
ތަޅައިގެން ދިޔަ ކަހަލަ އަޑެއް އިވުނު
ކޮން އަޑެއްތޯ އެހުމުން،
އަޑެއް އިވުނުތޯ އަހާފައި ނަޖާހު ކޮޓަރިތެރެއަށް ވަތް؛
އެ ފަހުން އެ ރޭ އިތުރު އަޑެއް ނީވޭ ކަމަށް އޭނާ ބުނި
ޖެހިގެން އައި 2 ޖެނުއަރީ 2010ގެ ހެނދުނުގެ ވަގުތެއްގައި އެޕާޓްމެންޓުގެ ތެރެއިން ބޭރަށް ނުކުންނަ ދޮރު ހުޅުވައިދިނުމަށް ނަޖާހު އެދުނު ކަމަށާއި އޭރު އޭނާ އަތުގައި ޝީރީން އެ ގެއަށް އައި އިރު ގެންގުޅުނު ފޮށި ވެސް ހުރި ކަމަށް ހަނީފު ބުނެފައިވެ އެވެ. އެ ފޮށި ހުރީ ވަރަށް ބޮޑަށް ފުރި، ފުއްޕާފައިވާކަން ހަނީފަށް ފާހަގަކުރެވުނެވެ. އޭގައި ހުރީ އޭނާގެ އަންނައުނު ކަމަށް ނަޖާހު ބުނި ނަމަވެސް، މާލެއަށް އައި އިރު އޭނާ ގެނައީ ދަބަހަކާއި ލެޕްޓޮޕް ލާ ވައްތަރުގެ ދަބަހެއްކަން ހަނީފް ފާހަގަކުރި އެވެ.
އަދި ދެ މީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައާ ބެ ހޭގޮތުން ސުވާލު ކުރުމުން ދެ މީހުން ވާހަކަ ދައްކާފައި ހަމަޖެހިގެން ޝީރީން ދިޔައީ ކަމަށާއި އޭނާ ޓެކްސީއަށް އަރުވަން ވެސް ދިޔަ ކަމަށް ނަޖާހު ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި ޝީރީން ދިޔައީ ރަށަކަށެވެ. އެކަމަކު، އޭރު ޝީރީންގެ ފައިވާނު ހުރީ ގޭގައިކަން ހަނީފަށް ފާހަގަކުރެވިގެން ލައިގެން ދިޔަ އެއްޗެއްސާ މެދު ސުވާލު ކުރުމުން، ދިޔައީ ކޯއްޗެއް ލައިގެން ކަމެއް ނޭނގޭ ކަމަށް ނަޖާހު ބުނި ކަމަށް ހަނީފް ބުނެފައިވެ އެވެ.
އެ ދުވަހުގެ މެންދުރު ޝީރީން ހޯދަން ވެގެން އޭނާގެ މަންމަ ޝީީރީން އުޅުނު ގެއަށް ދިޔަ އެވެ. ހަނީފް ބަހައްޓައިގެން އެ ކޮޓަރި ތެރޭގައި ނަޖާހުއަށް ގުޅުމުން އޭނާ ބުނީ އެ ރޭ އާ އަހަރު ފާހަގަކުރަން 12ގެ ފަހުން ކާރަކަށް އަރައިގެން ދިޔައީ ކަމަށެވެ. އޭނާ ދިޔައީ ނިދާ އެއްޗެހި ލައިގެން، ކޮތަޅެއް ހިފައިގެން ކަމަށާއި ބާޒާރުން ގަތް އެއްޗެއްހެން ހީވާ ކަމަށް ނަޖާހު ބުނެފައިވެ އެވެ.
ޝީރީންގެ މަންމަ އާއި ހަނީފް ކޮޓަރި ތެރޭގައި ތިބި އިރު އެ ތަނުން އާދައާ ހިލާފު ކުނި ވަހެއް ދުވަމުން ދިޔަ ކަމަށް އޭނާގެ މަންމަ ހެކިބަސް ދެމުން ބުނެފައިވެ އެވެ.
ނަޖާހު ގެއިން ނެރެގެން ގެންދިޔަ ފޮށިގަނޑާ އެކު އެރީ ޓެކްސީއަކަށެވެ. އެ ޓެކްސީ ޑްރައިވަރު ވެސް ކޯޓުގައި ވަނީ ހެކިބަސް ދީފަ އެވެ. އޭނާއަށް ވެސް ވަނީ ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިފަ އެވެ.
ޓެކްްސީ ޑްރައިވަރު ކިޔައިދިން ގޮތުގައި:
ބަރު އެއްޗެއް އަޅާފައި ހުރި ނޫކުލައިގެ ބޮޑު ލަގެޖް ފޮއްޓެއް ޓެކްސީގެ ޑިކީއަށް ނަޖާހު ލި
ނަޖާހު ހުރީ ވަރަށް މަސައްކަތްކޮށްފައި އައިހެން ބެލެވޭ ގޮތަށް ދާހިއްލާފައި
ނަޖާހު ފޭބީ ޝީރީންގެ
ހަށިގަނޑު ފެނުނު ސަރަހައްދަށް؛ މަރުވެފައި އޮއްވާ ފެނުނު ތަނާއި ނަޖާހު
ހުއްޓި ތަނާ ހުންނާނީ ހައެއްކަ ފޫޓު
ފޮށި ބޭލުމަށް އެހީތެރިވެ، ދުވާރު މައްޗަށް އެރުވި އިރު އެ ފޮށި ބަރުކަމުން އެއަށް ތިމަރަ އަޅާފައި ހުރީތޯ ނަޖާހުއާ ސުވާލު ކުރި
އެ ފޮށި އެރުވިތާ އެއް ދުވަސް ފަހުން ވެސް ކާރުގެ ޑިކީން ނުބައި ވަހެއް ދުވި؛ ނަޖާހު ކާރަށް އެރުމުގެ ކުރިން އެ ވަހެއް ނުދުވޭ
އެނގުން މުހިންމު - ހައި ކޯޓުން އޭނާގެ މައްސަލަ ނިންމި އިރު އެއްވެސް ވާހަކައެއް ދައްކަން ފުރުސަތު ދިނުމެއް ނެތި، ދައުލަތުން ކުރި ދައުވާގެ ސިފަ ބަދަލުކޮށް، ގަސްތަކާ ނުލައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ނަޖާހުގެ ފަރާތުން ބުނެފައިވެ އެވެ. އެކަމަކު، މިއަދު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެކަމުގައި ގޯހެއް ނެތް ކަމަށެވެ.
ހުކުމުގައި ވަނީ ދައުލަތުން ކުރާ ދައުވާ ސާބިތު ނުވިޔަސް، އެ މައްސަލަ ބެލުމުގެ ތެރޭގައި އެހެން ކުށެއް ސާބިތުވާ ނަމަ އެ ކުށަކަށް އަދަބު ދިނުމުގެ ގާނޫނީ ބާރު ފަނޑިޔާރުންނަށް އޮންނާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާ ނަމަ ކުށްވެރިން ދޫވެ، މުޖުތަމައުގެ ހައްގު ގެއްލިގެން ދާނެތީ އެ ގޮތަށް އަމަލު ކުރުމަށް ފަނޑިޔާރުންނަށް ބާރު ވެސް އެޅުއްވި އެވެ.
ޝީރީން މަރާލީ ނަޖާހުކަން ސާބިތުވި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ