ސިއްޙީ ދާއިރާގެ ޕޭ ފްރޭމްވޯކު ބާރުއަޅަނީ މަތީ ތައުލީމު ހާސިލްކުރުމަށް: ޑރ ޝަފިނާ

ސިއްޙީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާއިރު ޕޭ ފްރޭމްވޯކު އެންމެ ބޮޑަށް ބާރުއަޅަނީ އެ ދާއިރާއަށް ނިކުންނަ ފަރާތްތައް މަތީ ތަޢުލީމު ހާސިލުކުރުމަށް ކަމަށް ރައީސް އޮފީހުގެ ސީނިއާ ސޯޝަލް ޕޮލިސީ އެނަލިސްޓު ޑރ އައިޝަތު ޝަފިނާ ވިދާޅުވެއްޖެ އެވެ. 
ޑރ ޝަފިނާ މިފަދައިން ވިދާޅުވެފައިވަނީ ސިއްޙީ ދާއިރާގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ. 
މުސާރައަށް އައިބަދަލާއި ގުޅިގެން އެންމެ ބޮޑު ޝަކުވާއަކަށްވީ ދަށް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން އައިސްފައިވާ މިންވަރު ކުޑަވުމާއި ގުޅިގެންނެވެ. އަދި ދިވެހިން ނެތް ގިނަ މަޤާމުތަކެއްގައި ބޮޑެތި މުސާރަތައް ހިމަނާފައި ވުމާއި ގުޅިގެންނެވެ. 
Advertisement
އެކަމާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ ޝަފިނާ ވިދާޅުވީ ސިއްހީ ދާއިރާއާއި އިޖްތިމާއީ ދާއިރާއަކީ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ދާއިރާތަކެއް ކަމަށެވެ. އެހެންކަމުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ ދާއިރާގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރެވިގެން ކަމަށެވެ. 
އެގޮތުން ޕޭ ފްރޭމްވޯކު އެންމެ ބޮޑަށް ބާރުއަޅަނީ މަތީ ތައުލީމު ހާސިލްކުރުމަށް ކަމަށާއި، ތައުލީމު ހާސިލްކޮށްގެން މަތީ ކޭންކުތަކަށް ހިޖުރަކުރުމުގެ ފުރުސަތު މިހާރު އެކުލަވާލާފައިވާ އޮނިގަނޑުގެ ތެރެއިން ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރުވެސް އޮނިގަނޑުގެ ބަޔާންކޮށްފައިވާ މަތީ މަގާމުތަކަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިޖްތިމާއީ ޚިދުމަތުގެ ދާއިރާ އާއި ސިއްޙީ ދާއިރާއަކީ ވަރަށް ބޮޑަށްވެސް އަޅުގަނޑުމެން ޚިދުމަތުގެ ގޮތުގައި އިންސާނުން މި ފެންނަނީ. އިންސާނީ ވަސީލަތް. އެހެންވީމަ އިންސާނީ ވަސީލަތް ތަރައްގީވެގެން ނޫނީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެނެއް ނުދާނެ. އެހެންވީމަ އަޅުގަނޑުމެން މި ފްރޭމްވޯކް ބައްޓަންކޮށްފައި އޮންނަ ގޮތުން ވެސް އަޅުގަނޑުމެން މި ބާރުއަޅަނީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން ހިފާ އަދި އެކްސްޕީރިއެންސް ހޯދުމަށް"
ސީނިއާ ސޯޝަލް ޕޮލިސީ އެނަލިސްޓު ޑރ އައިޝަތު ޝަފިނާ
އޭގެ އިތުރުން ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ މުޙައްމަދު ފައިޒަލް ވިދާޅުވީ މުސާރައަށް އައި ހެޔޮ ބަދަލާއި ގުޅިގެން ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ފީޑްބެކް ލިބެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. 
އަދި އެ ފީޑްބެކް ތަކާއެކު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރެވިގެންދާނެ ކަމަށް ޑރ ފައިޒަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ