ވޯލްޑްކަޕް ވޯލްޑްކަޕް ލަދުން ސަލާމަތްވެ، އާޖެންޓީނާއާއެކު މެސީ ގަދަ 16 އަށް

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ކޭޕް ވާޑުގެ ލަދުން ސަލާމަތްވެ، އާޖެންޓީނާ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި އާޖެންޓީނާއަށް އުނދަގޫތަކެއް ކުރިމަތިވީ ކޭޕް ވާޑުން ފަހަތަށް ޖެހި ޑިފެންސަށް އިސްކަންދެމުން ކުޅެމުންދިއުމާ ގުޅިގެންނެވެ. ނަމަވެސް އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީގެ ހަމަލާއެއް ފެނިގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ކޭޕް ވާޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އާޖެންޓީނާ ކެޕްޓަން މެސީ ވަނީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ހަތްވަނަ ގޯލާއެކު މެޗުގެ 29 ވަނަ މިނެޓުގައި ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ޖެހީ ލިސާންޑްރޯ މާޓިނޭޒް ދިން ބޯޅައެއް ރީތިކޮށް ކޮންޓްރޯލުކޮށްލުމަށްފަހު ކޭޕް ވާޑްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ތަފާތު ދެ ވޯލްޑް ކަޕެއްގައި ހަތް ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ދެން މި އަދަދަށް މެސީ ގޯލު ޖަހާފައިވަނީ ވޯލްޑް ކަޕް 2022 ގައެވެ.
އެ ގޯލަށްފަހު އާޖެންޓީނާއަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ކޭޕް ވާޑަށް މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހެނީ އާޖެންޓީނާގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވައިނުލެވިއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވަރުގަދައަށް ފަށައި މަސައްކަތްކޮށް މެޗުގެ 59 ވަނަ މިނެޓުގައި ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށް، ކޭޕް ވާޑުން ވަނީ އާޖެންޓީނާއަށް ސިހުން ގެނުވައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެރޯއީ ޑުއާޓޭއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އަލުން ލީޑު ހޯދުމަށް އާޖެންޓީނާއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު މެސީ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ކުރިއަށް ނުކުމެ ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވެސް ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ މަތަކުރިއެވެ.
ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އާޖެންޓީނާ އިން ލީޑު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި އާޖެންޓީނާ އަދި ކޭޕް ވާޑުން ވެސް ވަނީ ގޯލެއް ޖަހައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިސާންޑްރޯ މާޓިނޭޒް ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް ލީޑު ހޯދައިދިން ނަމަވެސް، ހިތްވަރާއެކު ކުޅެމުންދިޔަ ކޭޕް ވާޑުން ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސިޑްނީ ލޯޕޭޒް ކަބްރާލްގެ ހިތްގައިމު ގޯލުން ނަތީޖާ ހަމަހަމަކޮށްފައެވެ.
އާޖެންޓީނާ ސަލާމަތްވީ މެޗުގެ 111 ވަނަ މިނެޓުގައި ވޭޕް ވާޑް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ކޭޕް ވާޑްގެ ޑިފެންޑަރު ޑީނޭ އަތުން އެ ގޯލު ބައިކޮޅަށް ވަދެފައިވަނީ މެސީގެ ކޯނަރު ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ