ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑުކޮށްފައިވާއިރު، އެ 3 ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ގްރޫޕުތަކުން ބޭރުވެވަޑައިގެންފިއެވެ.
އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ”ސަންގަށް“ ވިދާޅުވީ، އެ 3 ފަނޑިޔާރުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނުކުމެވަޑައިގެންފައިވާކަމަށެވެ. އެގޮތުން 7 ފަނޑިޔާރުން ތިއްބަވާ ގްރޫޕާއި، ސުޕްރީމް ކޯޓުގެ ލައިވް އަޑުއެހުންތަކާ ގުޅޭ ކަންކަން ވިލަރެސްކުރާ ގްރޫޕާއި، ސުޕްރީމް ކޯޓުގެ ރަސްމީ ގްރޫޕާއި، ރަޖިސްޓްރޭޝަން، ބިއުރޯ އަދި ދެންވެސް ހުރިހާ ގްރޫޕަކުން އެ ފަނޑިޔާރުން ވަނީ ނުކުމެވަޑައިގެންފައެވެ.
އެ 3 ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ 26 ފެބްރުއަރީގައެވެ. އެއީ ގޮނޑިގެއްލޭ މައްސަލައިގެ ވަގުތީ އަމުރެއް ނެރެދިނުމާ ގުޅޭ އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށެވެ. އެގޮތުން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅިގެންނެވެ.
އޭގެ ފަހުން އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.
މީގެ އިތުރުން، ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅިގެން ބަލަމުންދަނީ އޭނާ ހައިކޯޓުގެ ކުރީގެ އެސިސްޓެންޓު ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ހުތުރުކޮށް ވާހަކަ ދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ޖޭއެސްސީން ސުއޫދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވަނިކޮށް އެއާ ހިލާފަށް އެ ކޯޓުން ހައިކޯޓުގެ މުވައްޒަފަކު ހާޒިރުކޮށްގެން ހިންގިކަމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިމި، ގޮތެއް ނިންމުމާއި ގާތްވެފައި ބަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު 5 ފަނޑިޔާރުންނަށް މަދު ކުރުމަށް ހުށަހަޅައި ދެ ފަނޑިޔާރުން ވަކި ކުރުމަށް ފާސްކުރި އެވެ.
ބިލު ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ފެންމަތިކޮށް ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅުވައި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި އެކު ފުލް ބެންޗުން ބަލަމުން ދާ ގޮނޑީގެއް މައްސަލައިގެ އިސްލާހުގެ ގޮތެއް ނިންމުން ކެންސަލް ކުރިއެވެ.
މައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް އޭސީސީ ކުއްލިއަކަށް ތަހުގީގު ކުރަން ފެށުމުން ސުވާލު އުފެދޭކަމަށެވެ. އަދި މީގެ ކުރިން މި މައްސަލައިގެ ވާހަކަ ދެކެވިފައި ނުވަނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިއަދު ހިނގި ހުރިހާ ކަމަކުން ވެސް ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މިންވަރު ސާފުވާކަމަށެވެ. އަދި އޮންނަ އުސޫލާއި އިޖުރާއަތުގެ ތެރެއިން ހުކުމް އިއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ގަޑިއަށް ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އޭސީސީ ގެ ވެސް ބައިވެރިވުމެއް އޮވެ ހިނގިކަމެއްކަން ސާފުވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
މީގެއިތުރުން އަލީ ހުސެއިން ވިދާޅުވީ ސަރުކާރުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނާއި ހިލާފު އެތައް ކަމެއް ހިނގަމުންދާކަމަށެވެ. އަދި އެތައް އިސްލާހެއް ގެނެސްފައި ވަނީ ހިތު ހުރި ގޮތަކަށް އެއްވެސް އުސޫލެއް ނެތިކަމަށް ވިދާޅުވި އެވެ.
މިހާރު ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދައި ދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށް އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ ވިދާޅުވެފައެވެ.
ސަސްޕެންޑްކުރި 3 ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ގްރޫޕްތަކުން ނުކުމެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ