މުހައްމަދު މުއިއްޒަށް އޮތް ތާއީދު ފަސް ޕަސަންޓަށް ތިރިކޮށްލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ފިޔޯރީގައި އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ނަޝީދު ވިދާޅވުީ 2012 ގައި އެމްޑީޕީގެ ވެރިކަން ބަގާވާތަކުން ވައްޓާލައި ރީނދޫ ހެދުމެއްވެސް ލިޔަކަ ނުދޭނެ ކަމަށް ބުނި ކަމަށާއި އޭގެ ފަހުން މުޅި ރާއްޖެ މަގުމައްޗަށް ނުކުތް ކަމަށެވެ.
ބަގާވާތުން ވެރިކަން ވައްޓާލައި ރައީސްކަމާ އޭރު ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދަށް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބުނު ފަސް ޕަސަންޓާ ހަމައަށް މުއިއްޒަށް އޮތް ތާއީދުވެސް ތިރިކޮށްލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހަނދުމަފުޅު ހުންނާނެ 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހުގެ ފަހުން ނުކުމެ ވިދާޅުވީ ރީނދޫ ހެދުމެއްވެސް ލިޔެކަ ނުދޭނަމޭ. ރީނދޫ ހެދުމެއްވެސް ލިޔަކަ ނުދޭނަމޭ. ދެން އެބޭފުޅުންނާއެކު އަޅުގަނޑުމެން އިއްތިހާދުވާންވެގެން މިއުޅެނީ. ރީނދޫ ހެދުމެއްވެސް ލިޔަކަ ނުދޭނަމޭ،" ނަޝީދު ވިދާޅުވި އެވެ.
"އޭގެ އަނެއް ދުވަހު މުޅި ރާއްޖެ އޮތީ މަގުމަތީގައި. މުޅި ރާއްޖެ އޮތީ މަގުމަތީގައި. އެންމެ ފަހުން އައިސް އެ ޑރ. ވަހީދަށް ލިބިވަޑައިގަތީ ފަސް ޕަސަންޓު. ޑރ. މުއިއްޒު ހަނދުމަފުޅު ބަހައްޓަވާތީ ފަސް ޕަސަންޓަށް ތިރިކޮށްލާނަން،"
ނަޝީދު ވިދާޅުވީ އެމްޑީޕީ އަލުން ދިރެން ފެށުމުން މި ސަރުކާރުން 2008 ވަނަ އަހަރު ކުރިން ރާއްޖޭގައި އަމަލުކުރި ގޮތަށް އަމަލުކުރަން ފަށައިފިނަމަ، ފެންނަމުންދާނީ ކުރިއަށްވުރެވެސް މާ ހިތި ނަތީޖާތައް ކަމަށެވެ. މުއިއްޒު އަލުން ދިރިގެން ދެން ނާންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވަން އިއްޔެ ބޭއްވި އިންތިހާބުން ބަލިވިކަން ގަބޫލު ކުރަން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ލީޑާޝިޕުން ދެކޮޅު ހަދާތީ ނަޝީދު އެ ޕާޓީއަށް މިއަދު ވާޑުވިދާޅުވި އެވެ. އެގޮތަށް ވާހަކަ ދައްކާ ޕީއެންސީގެ މެންބަރުން ނަޝީދު ސިފަ ކުރެއްވީ "އަނގައިން ބަލިނުވާ" ބޭފުޅުންގެ ގޮތުގަ އެވެ.
"ބައެއް ފަހަރު ތަޅާފޮޅާއިރު ވާގޮތެއް އޮވޭ. ގަދަ މީހާ ޖަހާ އިރަށް އަންގައިން ބަލިނުވާ މީހާ ބުނާނެ، ދެން ޖަހާ ބަލަ. އެންމެ ފަހުން ހެސް ކިޔާފަ ކަންކަށީގަ ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ، ކިރިޔާ ޖެހުނުކަމޭ. ހިތަދޫ އުތުރު ގޮނޑި އަކީ ޕީއެންސީގެ އަތުގައި ބޮޑު އަގުލަބިއްޔަތަކުން ލިބިފައި ހުރި ގޮނޑިއެއް. އެމްޑީޕީ އެ ގޮނޑި ހޯދައިފި. ޑރ. މުއިއްޒު އެ ހުރީ ރަނގަޅަށް ބަލިވެފައި،" ނަޝީދު ވިދާޅުވި އެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ނަޝީދު އަންނަނީ އިންތިހާބަށް ރަށްރަށުގައި ކެމްޕެއިން ކުރައްވަމުންނެވެ. އިންތިހާބުގައި ނަޝީދާ ދެކޮޅަށް ނުކުންނަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އެވެ.
މުއިއްޒަށް އޮތް ތާއީދު ފަސް ޕަސަންޓަށް ތިރިކޮށްލާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ