ފިލިޕީންސްގެ ދެކުނުގެ ޖަޒީރާއެއް ކަމުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބައެއް އިމާރާތްތައް ވެއްޓި، ތިން މީހުން މަރުވެ ހަތަރު މީހުން ޒަޚަމުވެއްޖެއެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭއިން ބުނީ، ބިންހެލުން އައިސްފައި ވަނީ ފިލިޕީންސް ގަޑިން ހެނދުނު 7:40 ހާއިރު، ބިމުގެ ސަތަހައިން 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އޭޝިޔާގެ އެކި ޤައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.
ފިލިޕީންސްގެ ބިންހެލުމާއި ސުނާމީއާ ބެހޭ އިދާރާއިން (ފައިވޮލްކްސް) ބުނީ، ބިންހެލުމަށްފަހު އައި ލޮޅުންތަކުގެ އަސަރު އެއް ގަޑިއިރަށް ދެމިގެންދިޔަ ކަމުގައެވެ. ބިންހެލުމާ ގުޅިގެން މިންދަނާއޯގެ ޖެނެރަލް ސަންތޯސް ސިޓީން ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު، ތިން ފަންގިފިލާގެ އިމާރާތެއް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ދައުރުކޮށްފައެވެ. ބައެއް އިމާރާތްތަކުގެ ފުރާޅުތައް ވެއްޓި، ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސްވަނީ އެ ޤައުމުގެ ކާރިސާތަކާ ބެހޭ ޤައުމީ އިދާރާތައް ހަރަކާތްތެރި ކުރުވައި، އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އުސް ބިންތަކަށް ބަދަލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި، ބިންހެލުމުގައި ގެއްލުން ލިބުނު ނުވަ ޕްރޮވިންސެއްގެ މަދަރުސާތަކެއް ވަގުތީ ގޮތުން ބަންދުކޮށް، ބަނދަރުތަކުގައި ހުރި އުޅަނދުފަހަރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް އަންގަވާފައެވެ. ސަރަންގަނީ ޕްރޮވިންސުން ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް މެދުކެނޑި، ބުރިޖުތަކަށް ގެއްލުންވެ، ބައެއް ބިނާތައް ވެއްޓިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ލަފާކޮށްފައިވާ ގޮތުގައި ފިލިޕީންސްގެ އައްސޭރިފަށަށް ތިން މީޓަރުގެ އުސް ރާޅު އެރުން އެކަށީގެންވެއެވެ. އަދި އިންޑޮނީޝިޔާ، މެލޭޝިޔާ، ޖަޕާން، ތައިވާން އަދި މައިކްރޮނޭޝިޔާ ހިމެނޭ ގޮތުގައި ސަރަޙައްދީ އެހެން ޤައުމުތަކަށް ވެސް ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށް، އެ ޤައުމުތަކުން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި ތިން މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ