ބާސެލޯނާ އިން ފަހު ވަގުތު މުހިންމު މޮޅެއް ހޯދައިފި ބާސެލޯނާ އިން ފަހު ވަގުތު މުހިންމު މޮޅެއް ހޯދައިފި

ބާސެލޯނާ (އޭޕްރީލް 20) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހަތުން އަރައި 4-3 އިން ސެލްޓަ ވިގޯ އަތުން ފަހު ވަގުތު މުހިންމު މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، ބާސެލޯނާ އިން ވަނީ އެއް މެޗު އިތުރަށް ކުޅެ ލީގުގެ އެއް ވަަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 31 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ބާސެލޯނާ އިން ލީޑުނެގީ، 12 ވަަނަ މިނިޓްގައި ފެރާން ޓޮރޭސް ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ސެލްޓާގެ ބޯހާ އިގްލީއަސް ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. އަދި، ދެ ވަނަ ހާފުގައި ބޯހާ ވަނީ އިތުރު ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަަމަކޮށްފަ އެވެ.
ބާސެލޯނާ އިން ފަހަތުން އަރައި މޮޅުވަން އުންމީދެއް ހޯދީ، ސެލްޓަގެ ތިން ވަނަ ގޯލު ޖެހިތާ ދެ މިނިޓް ފަހުން، މެޗުގެ 64 ވަަނަ މިނިޓްގައި ޑަނީ އޮލްމޯ ޖެހި ގޯލުންނެވެ. މި ގޯލު ޖަހަން، އޮލްމޯ އަށް ފުރުސަތު ހޯދައިދިން ރަފީނިއާ ވަނީ އޭގެ ހަތަރު މިނިޓް ފަހުން ލަނޑު ޖަހައި، ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ.
މެޗު އެއްވަރުވާން ދަނިކޮށް ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ. އިތުރު ވަގުތުގެ އަށް ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ރަފީނިއާ އެވެ. މި ޕެނަލްޓީ ދޭން ނިންމީ، އޭރިއާތެރެއިން އޮލްމޯ އަށް ކުރި ފައުލެއް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ޔަގީންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ