ފްލައިދުބާއީން މިދިޔަ އަހަރު 611 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިފި

އަގުހެޔޮ އެއާލައިން، ފްލައިދުބާއީއަށް މިދިޔަ އަހަރު ރެކޯޑް އަދަދަކަށް ފައިދާވެ، އެ އަދަދު 611 މިލިއަން ޑޮލަރު ހުރަސްކޮށްފައިވާ ކަމަށް އެ އެއާލައިނުން އިއްޔެ ބުނެފި އެވެ.
ފްލައިދުބާއީން މިދިޔަ އަހަރު ވަނީ 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. މިއީ އޭގެ ކުރީ އަހަރު، 2023ގެ އާމްދަނީއަށް ވުރެ 500 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ކުރީ އަހަރު އެ އެއާލައިންގެ އާމްދަނީއަކީ 3 ބިލިއަން ޑޮލަރެވެ. ކުރީ އަހަރުގެ ފައިދާއަކީ 572 މިލިއަން ޑޮލަރެވެ.
އެ އެއާލައިނުން މިދިޔަ އަހަރު ވަނީ 15.4 މިލިއަން ފަސިންޖަރުން ދަތުރުކޮށްފަ އެވެ.
ފްލައިދުބާއީ އަކީ ބައިނަލްއަގްވާމީ ދަތުރުތަކުގައި ދުނިޔޭގައި އެންމެ ކުރީ ސަފުގައި އަދި ދިގު ރާސްތާ އެއާލައިން، އެމިރޭޓްސްގެ އެއާލައިނެކެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ކުރުން ހުއްޓިފައި އޮތުމަށް ފަހު، އެ ދެ އެއާލައިންގެ ފައިދާ ވަނީ ރަނގަޅުވެފަ އެވެ.
އެ ދެ އެއާލައިނަކީ ވެސް ޔޫއޭއީ ސަރުކާރަށް ނިސްބަތްވާ ދުބާއީ އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ދެ އެއާލައިނެވެ.
އެ ދެ އެއާލައިނުން ކޯޑް ޝެއާ ފްލައިޓްތައް ވެސް އޮޕަރޭޓް ކުރާ އިރު ފްލައިދުބާއީ ރޫޓުތަކުގެ ޓްރެފިކް ވެސް ވަނީ އިތުރުވެފަ އެވެ.
ފްލައިދުބާއީގައި 88 މަތިންދާބޯޓު ހިމެނޭ އިރު، މި ހުރިހާ ބޯޓަކީ ވެސް ބޮއިން 737 މަރުކާގެ ބޯޓުތަކެކެވެ. ދުނިޔޭގެ 55 ގައުމެއްގެ 131 ތަނަކަށް އެ އެއާލައިނުން ދަތުރުކުރެ އެވެ.
އިޒްރޭލާއި ހަމާސް ހަނގުރާމަ ހިންގަމުން ދިޔަ އިރު އަދި ދުނިޔޭގެ އެހެން އެއާލައިންތަކުން އިޒްރޭލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ހުއްޓާލާފައި އޮތް އިރު ވެސް، ފްލައިދުބާއީގެ ދަތުރުތައް ހުއްޓުމެއް ނެތި ދިޔައީ އިޒްރޭލަށް ކުރަމުންނެވެ. އެ އާލައިންގެ ދަތުރުތައް އިޒްރޭލަށް ކުރަން ފެށީ 2020 ވަނަ އަހަރު ޔޫއޭއީން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމު ކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ