މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މާދަމާ ބާއްވާ ޖަލްސާއަށް ތައްޔާރުވާން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބޭއްވި ބައްދަލުވުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ނެތި ކުރިއަށް ގެންގޮސްފި އެވެ.
މާދަމާގެ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމެވެ. އެ ބަޔާނުގައި މިދިޔަ އަހަރު ގައުމު އޮތް ހާލަތު ބަޔާންކޮށްދީ މިއަހަރު ގައުމު ކުރިއަށްގެންދަން ބޭނުންވެވަޑައިގަންނަވާ ގޮތް ރައީސް ވިދާޅުވެދެއްވާނެ އެވެ.
ޕީއެންސީން މިއަދު ހަވީރު ބޭއްވި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އިސް ރޯލެއް އަދާ ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އޭގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް އިންނެވީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި މޭޒު ކައިރީގަ އެވެ.
އަބްދުއްރަހީމް ނެތި ޕީއެންސީގެ މުހިންމު ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައި މި ވަނީ އޭނާއާ ރައީސް މުއިއްޒުއާ ދެމެދު ވަރަށް ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ. ޖެނުއަރީ 28، ގައި ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.
އެއަށްފަހު އަބްދުއްރަހީމް ވިދާޅުވީ، އާ ސަރުކާރު އުފެދުނުއިރު ރައީސްއާއެކު އޮތް ގުޅުން ދެމި އޮތް ނަމަ ފައިސަލް މަގާމުން ވަކި ނުކުރާނެ ކަމަށެވެ. އޭގެ ފަސް ދުވަސް ފަހުން ފައިސަލްގެ އަނބިކަނބަލުންގެ ބައްޕަ މުހައްމަދު ވަޖީހު ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވެސް ވަކިކޮށްފަ އެވެ. އޭގެ އިތުރުން ވެސް އަބްދުއްރަހީމްއާ ގުޅުން އޮތް ބައެއް މީހުން ސަރުކާރުގެ މަގާމުތަކުން ވަނީ އެކަހެރިކޮށް ނުވަތަ ވަކިކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ދުރުކުރުމުގެ މަޝްވަރާތަކެއް ވެސް ޕީއެންސީއިން ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެ ޕާޓީން ރަސްމީކޮށް އެ ވާހަކަ ދޮގު ކުރެ އެވެ. އެކަމަކު، ނުރަސްމީކޮށް މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން ވަނީ، މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ދުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
މަޖިލިސް ހުޅުވާ ޖަލްސާއަށް ތައްޔާރުވާން ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމެއް ނެތް މަޖިލިސް ހުޅުވާ ޖަލްސާއަށް ތައްޔާރުވާން ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ