ގައުމުގެ މިނިވަންކަމަށް ލޮޅުން އަރާފާނެ ކަމަކަށް ދޫނުދޭނަން: ރައީސް

ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އެމަނިކުފާނުގެ އަޒުމް ކަމުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާފައެވެ.
ވެރިކަމާ ހަވާލުވެ ޤައުމާ މުޚާޠަބުކުރި ފުރަތަމަ ދުވަހު، ވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވަޢުދުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އެމނަިކުފާނުގެ އަޒުމް ކަމަށެވެ.
އެގޮތުން، ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވާނީ ފަށާފާ. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް އެބަ ކުރިޔަށްދޭ. ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރަމުންދާ ކަމަށާއި، ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް 'ސްޕެޝަލް ބޯޓް ސްކޮޑްރަން' މިހާރު ޚިދުމަތަށް ނެރެފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ހޯދާފައިވާއިރު، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން، ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައިވާ ކަން ރައީސް ހާމަކުރެއްވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. ނިމުނު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބުމުގެޖާގަ ދީފައިވާއިރު، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ ސިފައިން ވަނީ ދިވެހި ފަސްގަނޑުން ފޮނުވާލާފައެވެ.
އަދި ދެން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އެއްވެސް ބަޔަކަށް ގާއިމްވެ ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދައިގެން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީއަށް ވެސް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ