ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ހދ.ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި މިމަޝްވަރާތައް އޮކްޓޯބަރު މަހުގެ ތެރޭގައިވަނީ ފަށަފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެދުނުގޮތަށް އެރަށުގެ ރައްޔިތުން ހދ.ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް ސަރުކާރުން އަދި ހަމަކުރައްވާފައެއް ނުވެއެވެ.
ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެރަށުގެ އާބާދީއަކީ، 293 އެވެ. ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ވ. ރަކީދޫންވެސްވަނީ އެދިފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމެވެ. މިގޮތުން ކުދި އާބާދީތަކުން މިފަދަ ސަރަޙައްދުތަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.
ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ