އެމެރިކާގައި މަތިންދާބޯޓެއް އެކްސިޑެންޓުވި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ
އެމެރިކާގެ މަތިންދާ ބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މިހާދިސާ ހިނގާފައިވަނީ އިއްޔެ ވޮޝިންޓަންގެ ގަޑިން ހަވީރު ހަތަރުގަޑިބައި، އެހާ ކަންހާއިރުއެވެ. ހާދިސާ ހިނގީ ވޮޝިންޓަންގައި އޮންނަ ރޮނަލްޑް ރޭގަން އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ ޕޮޓޮމަކް ކޯރުގެ މަތީގައި، ވައިގެ ތެރޭގައެވެ. އެ ހާދިސާގައި، ހުރިހާ ފަސެންޖަރުންނާއި ކުރޫއިންގެ ފުރާނަ ވަނީ ގެއްލިފައެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި، އެ ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ވަނީ ފޮނުއްވައިފައެވެ. އަދި އެ ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެމެރިކާއާއިއެކު ދެމިތިބިކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވައިފައެވެ. https://sun.mv/202003 ސީބީއެސް ނެޓްވޯކް ބުނާގޮތުން އަސްކަރީ ހެލިކޮޕްޓަރު ޖެހުނީ ކެންސަސްއިން ފުރައިގެން ރޮނަލްޑް ރޭގަން އެއާޕޯޓަށް ޖައްސަން އުޅުނު އެމެރިކަން އެއާލައިންސްގެ ބޯޓެއްގައެވެ. އެބޯޓުގައި 60 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި އެބޯޓާއި އެމެރިކާ ސިފައިންގެ އަސްކަރީ ހެލިކޮޕްޓަރުވެސް ވެއްޓުނީ ޕޮޓޮމަކް ކޯރަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މިއީ ބިރުވެރި ހިތާމަވެރި ހާދިސާއެއްކަމަށް ސިފަކުރައްވާފައެވެ. މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ކަންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ހާދިސާއަށްފަހު ވޮޝިންޓަންގެ ރޮނަލްޑް ރޭގަން އެއާޕޯޓްވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެއެއާޕޯޓަށް ޖައްސަންޖެހޭ މަތިންދާ ބޯޓުތައް މިހާރުވަނީ ބޮލްޓިމޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ