އިޒްރޭލަށް ނައްތާނުލެވުނު، އެމެރިކާއިން ގޮއްވާލި ފޯޑޯ ނިއުކްލިއާ މަރުކަޒަކީ ކޮންތަނެއް؟

އެމެރިކާ އާއި ހުޅަނގުގެ ފިއްތުންތަކުގައި 45 އަހަރު ވީ އީރާނުން ކުރި ހޯދަމުން އަންނަ ނިއުކްލިއާ ހަކަތައާ ހުރެ އެމެރިކާ އާއި އިޒްރޭލަށް ހަމަ ނިންޖެއް ނުނިދެއެވެ.
އެމެރިކާ އާއި އިޒްރޭލުން ގަބޫލު ކުރާ ގޮތުގައި، އީރާނަކީ އެމެރިކާ އާއި އިޒްރޭލުގެ ދެމި އޮތުމަށް އޮތް ނުރައްކަލެކެވެ. "ޑެތް ޓް އެމެރިކާ، ޑެތް ޓް އިޒްރޭލް" ނުވަތަ "އެމެރިކާ އަށް ވެސް، އިޒްރޭލަށް ވެސް މަރު" ގޮވާ ޝިއާރުތައް އީރާނުން ފާޅު ކޮށްފައި ވެއެވެ. އެއީ އެމެރިކާ އާއި އިޒްރޭލުގެ ސީދާ ދުޝްމަނުން ކަމަށް އެ ދެގައުމުން ދެކެއެވެ.
އިޒްރޭލާއި އުރުދުން އަދި އީރާގުގެ ބިއްދޮށުގައި އޮންނަ އީރާނަށް އެކިއެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އިގްތިސޯދީ ނާރެހުގައި ހިފަހައްޓައިގެން އެމެރިކާ އާއި ހުޅަނގުން އޮންނަ އިރުވެސް އީރާނުން ވަނީ އެ ގައުމަކީ އެމެރިކާ އާއި އިޒްރޭލަށް އޮތް ބިރެއްކަން ސާބިތު ކޮށްދީފައެވެ.
އީރާނަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް އޮންނަ ގައުމެކެވެ. ނުވަތަ ދުނިޔޭގެ ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ގޭސް ރިޒާވް އޮތް ގައުމެކެވެ. ދުނިޔޭގެ ގޭހުގެ ރިޒާވްގެ 16 ޕަސެންޓް ނުވަތަ އޯޕެކް ގައުމުތަކުގެ ނިސްބަތުން 45 ޕަސެންޓް ހިއްސާ ކުރާ އީރާނު ވީރާނާ ނުވެ ދެމި އޮތުމުގެ އެއް ސަބަބަކީ އެއީއެވެ.
އެއާއެކު އީރާނުން ފެށި މުހިންމު އިގްތިސޯދީ މަސައްކަތަކީ ނިއުކްލިއާ ހަކަތަ އުފެއްދުމުގެ މަސައްކަތެވެ. ހަކަތަ އުފައްދާ 37 މަރުކަޒެއް އީރާނުގެ ހުރި އިރު ސީދާ ނިއުކްލިއާ ހަކަތަ އުފައްދާކަމަށް ނުވަތަ ނިއުކްލިއާ ފެސިޓީގެ ގޮތުގައި ހުރީ މައިގަނޑު 5 ތަނެކެވެ.
އީރާނުގެ ހުޅަނގު އުތުރުން ގޯމް ގެ އިރުއިތުރުގައި އޮންނަ ފަރުބަދަތަކުގެ ތެރޭގައި ހަދާފައި ވާ ފޯޑޯ ނިއުކްލިއާ މަރުކަޒަކީ، އާދައިގެ ތަނެއް ނޫނެވެ. އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފެށި އިރު، މި މަރުކަޒަށް ވެސް މިސައިލް ހަމަލާ ދިނެވެ. ނަމަވެސް ވީ އެއްވެސް ގެއްލުމެއް ނެތެވެ.
އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަން ބިނާ ކުރި މި މަރުކަޒު ނިއުކްލިއާ މަރުކަޒަކަށް އީރާނުން ބަދަލު ކުރީ އެކަން ލިޔުމުން އައިއޭއީއޭ އަށް އަންގާފައެވެ. އެއީ ސެޕްޓެމްބަރު 21، 2009 ގައެވެ. އޭރު އެތާނގައި ސިއްރިއްޔާތުގައި ނިއުކްލިއާ ސެންޓްރިފިއުޖްތައް ގާއިމު ކޮށް ތަރައްގީ ކުރަމުން ދާކަން އެނގޭ ކަމަށް އޭގެ ކުޑަދުވަސްކޮޅެއްގެ ފަހުން އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން ބުނެފައި ވެއެވެ. އޭރު އެތާނގައި 3000 ސެންޓްރިފިއުޖް ހުރިކަމަށް ވެސް ބުނެއެވެ.
އެޓޮމިކް ހަކަތަ އާ ބެހޭ އދ ގެ އިދާރާ، އައިއޭއީއޭ އިން ބުނާގޮތުން، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމާ ދާދި ގާތަށް މުއްސަނދި ކޮށްފައި ވާ ޔުރޭނިއަމްގެ އަސަރު ފޯޑޯ އިން ފެނިފައި ވެއެވެ. އެއީ ކުރިން އެނގުމަކާ ނުލައި 2003ގައި އައިއޭއީއޭ ގެ އިންސްޕެކްޓަރުން އީރާނަށް ގޮސް އެ މަރުކަޒަށް ކުރި ޒިޔާރަތަކުން ފާހަގަވި ކަމެއް ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
އައިއޭއީއޭ އިން ބުނާ ގޮތުން ނަމަ ފޯޑޯ ހަދާފައި ވަނީ ނަތާންޒްގައި ކުރެވޭ މަސައްކަތުގެ 50 ހާސް ގުނަ މަދު އެހެނަސް 2976 ސެންޓްރިފިއުޖް އެއްފަހަރާ ހިންގޭވަރުގެ ކެޕޭސިޓީއެއްގައެވެ.
ފޯޑޯ ނިއުކްލިއާ މަރުކަޒު ގޮއްވާލުމަށްޓަކައި ހަމައެކަނި އެމެރިކާއަށް ހާއްސަ ބޮން އަޅާ ސްޓެލްތްގެ 6 ބޯޓުގައި ބަރުދަނުގައި 15 ޓަނު ހުންނަ ޖުމްލަ 6 ބޮން ވައްޓާލި ކަމަށް ނިއުޔޯކް ޓައިމްސްގައި ރިޕޯޓް ކޮށްފައި ވެއެވެ. މި އަދަދުތައް އެމެރިކާގެ އޮފިޝަލުން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް ފޯޑޯ އަނދައިގެންދާ މަންޒަރު ޓީވީތަކުން ފެނިފައި ވެއެވެ.
ބޮން އެޅުމަށް ފަހު އެމެރިކާގެ ރައީށް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، ފޯޑޯ ފުނޑާލައިފި ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އީރާނުގެ އޮފިޝަލުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް އީރާނުގެ ރަސްމީ ނޫސް އެޖެންސީ 'އިރްނާ' އިން ބުނެފައި ވަނީ، އެމެރިކާގެ ބޮމުގެ އިހުސާސް ފޯޑޯ ކައިރީގައި ދިރިއުޅޭ މީހުންނަށް ކޮށްފައި ނުވާ ކަމަށާއި، ފޯޑޯގެ ހާލަތު ބަރާބަރު ކަމަށެވެ. އިތުރަށް އެ އެޖެންސީން ބުނީ، އިތުރު ތަސްފީލް އޮފިޝަލުން ދެއްވާނެ ކަމަށެވެ.
މި ހާދިސާއަށް ފަހު ގޯމް ގައި ހުންނަ ކްރިއިސިސް މެނޭޖްމަންޓް އިދާރާއިން ބުނީ، ގޯމްގެ ރައްޔިޔިތުންނަށް ނުރައްކަލެއް ނެތް ކަމަށާއި އަދި ފޯޑޯ ގެ ވަށައިގެންވާ ސަރަހައްދުތަކުގެ ހާލަތުވެސް ރަނގަޅު ކަމަށެވެ. މި ހާދިސާ އާ ގުޅިގެން އީރާނުގެ މަޖިލީހުގެ ރައީސްގެ އެޑްވައިޒަރު މަހްދީ މުހައްމަދީ ވިދާޅުވެފައި ވަނީ، ހަމަލާ ދިނުމުގެ މާ ކުރިން ފޯޑޯގައި ހުރި ނިއުކްލިއާ ވަސީލަތްތައް ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައި ވާ ކަމަށާއި އެމެރިކާގެ ހަމަލާގައި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އީރާނުން ފޯޑޯ ހެދުމަށްފަހު އެތާނގައި ނިއުކްލިއާ ހަކަތަ ފައްކާކުރުމުގެ މަސައްކަތް މާރު ސްޕީޑްގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ޔޫރޭނިއަމް މުއްސަނދި ކޮށް ނިއުކްލިއާ ބޮމެއް ހެދޭ ވަރާ ގާތަށް ފައްކާ ކޮށްފައި ވެއެވެ. ނިއުކްލިއާ ބޮމެއް ނުވަތަ ހަތިޔާރެއް އުފެއްދުމަށްޓަކައި ޔޫރެނިއަމް މުއްސަނދި ކުރުން ނުވަތަ ސާފު ކުރަން ޖެހޭ ނިސްބަތަކީ 90 އެވެ. އީރާނުން 60 އިންސައްތައަށް ސާފު ކޮށް ކުރިއެރުން ހޯދިއެވެ.
އީރާނުގެ މި ކުރިއެރުމާ އެކު ކަންބޮޑުވަމުން އައި އެމެރިކާ އާއި ހުޚަނގު ބައިވެރިވެގެން 2015 ގައި އީރާނަށް ޝަތުރުތަކެއް ކުރިމަތި ކުރުވައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމު އިތުރަށް ކުރިއެރުވިޔަ ނުދިނުމަށް އެއްބަސްވުމެއް ހެދިއެވެ. ބަދަލުގައި އީރާނަށް ކޮށްދޭން ޗައިނާ، ރަޝިއާ، އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް އަދި އީޔޫ އިން އެއްބަސްވީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ