އުޅަނދަށް އިތުރު އިންޝުއަރެންސެއް ތައާރަފު ކުރަނީ

އުޅަނދު ވަގަށް ނެގުމާއި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ތާޑް ޕާޓީ ވެހިކަލް އިންޝުއަރެންސްގެ އިތުރުން ކޮމްޕްރެހެންސިވް އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ 'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އެކްސިޑެންޓުގައި އުޅަނދަށް ލިބޭ ގެއްލުންތަކާއި އުޅަނދު ވަގަށް ނެގުމުން ލިބޭ ގެއްލުންތަކަށް ބަދަލު ނުލިބުމުގެ ކަންބޮޑުވުމަށް ހައްލު ގެންނަން މަސައްކަތް ކުރާ ކަމަށެވެ.
ތަފްސީލް - ތާޑް ޕާޓީ އިންޝުއަރެންސް އޮތުން ގާނޫނީ ގޮތުން ލާޒިމް ކަމަށާއި ނަމަވެސް ތާޑް ޕާޓީ އިންޝުއަރެންސް އަކީ ވެހިކަލް ވަގަށް ނަގައިގެން ނޫނީ އެހެން ގޮތަކަށް ބަދަލު ދިނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ޓްރެފިކް މައްސަލައަށް ހައްލު ހޯދަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަގުމަތީ އޮތްކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ އެ ގާނޫނު ފާސްވުމުން ވެހިކަލް ވަގަށް ނެގުމުން ނޫނީ އެކްސިޑެންޓަކުން ވެހިކަލަށް ލިބޭ ގެއްލުން ކަވަރު ނުވުމުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށެވެ.
"އެހެން ނަމަވެސް މިހާރު އޮތް ގާނޫނުގެ ދަށުން ވެސް ތާޑް ޕާޓީ އިންޝުއަރެންސާ އެކު ކޮމްޕްރެހެންސިވް އިތުރު އިންޝުއަރެންސެއް [ތައާރަފު ކުރުމަށް] އިންޝުއަރެންސް ކުންފުނިތަކާ އެކު ވާހަކަ ދައްކައިގެން ތައާރަފު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އަމީން ވިދާޅުވި އެވެ.
"ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް 45 [ދުވަސް] ނޫނީ 2 މަސް ތެރޭ އާ ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރެވިގެން ދާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ