ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކޮށް، އެ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
މިގޮތުން މި ދެދުވަހުގެ ތެރޭގައި އެ އަތޮޅުގެ 7 ރަށެއްގައި އޭޓީއެމްތައް ޤާއިމްކޮށް ވަނީ ޚިދުމަތް ފަށާފައެވެ.
މި އޭޓީއެމްތައް ޤާއިމްކޮށްފައިވަނީ 2024 ވަނަ އަހަރު ފެށި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
މީގެ ހަފްތާއެއް ކުރިން ނ. އަތޮޅުގެ 7 ރަށެއްގައި އޭޓީއެމް ޤާއިމްކޮށް، އެ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކަސްޓަމަރުން ރަސްމީ ބޭންކިންގ ނިޒާމަށް ގެނައުމުގައި އޭޓީއެމްތަކުގެ ދައުރު މުހިންމު ކަމަށާއި، މ. އަތޮޅުގެ ހުރިހާ ރަށަކަށް ބޭންކުގެ ޚިދުމަތް ފޯރުކޮށްދެވުނު ކަމީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މިޝަނަކީ ހުރިހާ އެންމެންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުން. މ. އަތޮޅުގެ ހުރިހާ ރަށަކަށް މި ޚިދުމަތް ފޯރުކޮށްދެވުނު ކަމީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބޭންކުގެ ފިޒިކަލް ނެޓްވޯކް ފުޅާކުރަމުންދާއިރު، ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ވެސް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"ކަސްޓަމަރުންގެ އިތުރުވަމުންދާ ބޭނުންތަކަށް އަމާޒުކޮށް، ބޭންކުން އައު ގޮތްތައް ހޯދަމުންދާނެ. ބައިނަލްއަޤްވާމީ ކާޑު ނެޓްވޯކްތަކާއި ޕޭމަންޓް ޙައްލުތައް ފޯރުކޮށްދޭ ފަރާތްތަކާއެކު ގުޅިގެން، ފަސޭހަ އަދި ރައްކާތެރި ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ،" ޝަރީފް ވިދާޅުވިއެވެ.
މ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމާއެކު، މިހާރު ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 39 ގޮފި، 121 ސެލްފް ސާވިސް ބޭންކިންގ މަރުކަޒު، 179 އޭޓީއެމް، އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ވަނީ ޤާއިމް ކުރެވިފައެވެ.
މ އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ