ޕޫޖާ އުޅެނީ 2 ސިނަމާގައި މަސައްކަތްކުރަން އުނދަގޫވެގެން

ސައުތު ސިނަމާގެ އިތުރުން ހިންދީ ސިނަމާގައި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސައުތު ބަތަލާ ޕޫޖާ ހެގްޅޭ ބުނެފިއެވެ. ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ޕޫޖާ ބުނެފައިވަނީ ދެ ސިނަމާއެއްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ދެ ސިނަމާ ދެމެދު އަބަދު ވެސް ތާށިވެފައި ހުންނަ ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ. ޚާއްސަކޮށް އެއް ފަހަރާ ސައުތު އަދި ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރާނަމަ އަމިއްލަ ޝެޑިއުލް ރޭވުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މިދިޔަ ޖަނަވަރީ މަހުގެ 31ގައި ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ދޭވާ"ގެ ބަތަލާ ބުނީ އެ ފިލްމުގެ މަސައްކަތް ކުރިއިރު އޭނާ ދިޔައީ ސައުތު ސިނަމާގެ ފިލްމެއް ކަމަށްވާ "ރެޓްރޯ"ގައި ވެސް މަސައްކަތް ކުރަމުން ކަމަށެވެ. ޕޫޖާ ބޮލީވުޑް ފިލްމު "ދޭވާ"ގެ މަންޒަރެއްގައި އެކްޓަރު ޝާހިދު ކަޕޫރާ އެކު--ފޮޓޯ/އެންޑީޓީވީ ދެ ފިލްމުގެ ޝޫޓިންގްތަކަށް ދަތުރުކުރަމުން ދެ ފިލްމުގައި ވެސް ކުޅެންޖެހޭ ކެރެކްޓާގެ މަތިން ހަނދާން ކުރުންވީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށް ޕޫޖާ ވަނީ ބުނެފައެވެ. ދެ ސިނަމާގެ ފިލްމުތަކުން ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ކުރަނީ ބަތަލާއަށް އެ ފިލްމުތަކުގެ ސްކްރިޕްޓް ކަމުދިޔުމުން ކަމަށާއި ފިލްމު އުފައްދަނީ ކޮން ބަހުރުވައަކުންތޯ ނުވިސްނާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމު "ދޭވާ"ގައި ޕޫޖާ ކުޅެފައި ވަނީ އިންވެސްޓިގޭޓިވް ޖާނަލިސްޓެއްގެ ރޯލެވެ. ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް މިހާތަނަށް ލިބެމުން އަންނަ ރިވިއުސްތައް ވެސް ވަރަށް ރަނގަޅެވެ. ޕޫޖާ ދެން އެންމެ އަވަހަށް ފެންނާނެ ބޮލީވުޑް ފިލްމަކީ، "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ