އެމްއެމްއޭން ފައިސާ ޗާޕްކޮށް ބިން ގަތުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން: ޔާމީން

އެމްއެމްއޭއިން ފައިސާ ޗާޕްކޮށް ހުޅުމާލެއިން ބިން ގަތުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ދައްކާ ހުއްޖަތްތައް ހަމަ ނުޖެހޭ ކަމަށް އިދިކޮޅު ޕީއެންއެފްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރަން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމަށް އެމްއެމްއޭގެ ބޯޑުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. ހިސާބުތަކުން ފެންނަ ގޮތުގައި މި އަދަދަށް ފައިސާ ނެރެވޭނީ ޗާޕުކޮށްގެންނެވެ. 
އެ ގޮތުން އެމްއެމްއޭގެ ބެލެންސް ޝީޓުން ދައްކާ ގޮތުގައި:
އެމްއެމްއޭގެ ރިޒާވްގައި އެ މީހުންގެ އަމިއްލަ ފައިސާގެ ގޮތުގައި އެންމެ ގިނަ ވެގެން ވެސް ހުރީ 1.4 ބިލިއަން ރުފިޔާ
އެމްއެމްއޭގެ ޖުމްލަ ރައުސްމާލު މިވަގުތު ހުރީ 800 މިލިއަން ރުފިޔާގައި
ބުނީ ކީކޭ؟ - ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްއޭގެ ނިންމުމާ ގުޅޭ ގޮތުން އެ އިދާރާއިން އާންމުކޮށް މައުލޫމާތު ހާމަނުކުރި ނަމަވެސް ނަމަވެސް ބިން ގަންނަން އުޅެނީ އެމްއެމްއޭއިން އިންވެސްޓްކޮށްގެން އަމިއްލައަށް ހޯދާފައިވާ ފައިސާއަކުން ނޫންކަން އެނގޭ ކަމަށެވެ.
"އެމްއެމްއޭން އިންވެސްޓްކޮށްގެން ލިބޭ ފައިސާނަމަ އެ ފައިސާ ބަހައްޓާނީ ރުފިޔާގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ ޑޮލަރުގެ ގޮތުގައި ހެއްޔެވެ؟ އެއީ ރުފިޔާގެ އަގެއް ނެތް. [އެމްއެމްއޭގެ ގަވަރުނަރު] މުނައްވަރުގެ އިންވެސްޓްމަންޓް ލާރިއެއް ނޫން އެޔަކީ. އެހެން ނޫން ނަމަ އެ ހުންނާނީ ޑޮލަރުން. ޗާޕުކުރަން އުޅޭ ލާރި އެއީ،" ޔާމީން ވިދާޅުވި އެވެ.
އެމްއެމްއޭން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މީގެ ކުރިން ނުވަންނަކަން ފާހަގަކުރައްވަމުން ވިދާޅުވީ އެމްއެމްއޭން ކުރިން ބާޒާރަށް ނުނެރޭ ފައިސާއެއް ނެރެފި ނަމަ އެ ވާނީ ދައުލަތުގެ ފައިސާއަށް ކަމަށެވެ. އެމްއެމްއޭގެ ފައިސާ ގޮތުގައި ނުބެލެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވީތީ ވެސް އެމްއެމްއޭން އެ ކުރަނީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތަށް ސިފަކުރެއްވި އެވެ.
"ޗާޕުކޮށް، ސާކިއުލޭޝަނަށް ނުނެރޭ ފައިސާއެއް ހުރި ނަމަ އެ ވާނީ އެމްއެމްއޭގެ ފައިސާއަކަށް ނޫން. އެއީ ދައުލަތުގެ ފައިސާ. ޗާޕުކޮށްގެން 15-14 ބިލިއަން ދީގެން ހުޅުމާލޭން ބިން ގަނެފި ކަމަށް ވަންޏާ، ދެން އަންނަ ސަރުކާރަކަށް ބިން ވެސް އަތުލެވޭނެ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ބާޒާރަށް އާ ފައިސާ ނެރޭނީ ޑޮލަރުން ދަރަންޏަށް ފައިސާ ދައްކާ ވަރަކަށް ކަމަށް ދޭހަވާ މޭރުމަކުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވައިފަ އެވެ.
ޔާމީން ވަނީ ނާޒިމްގެ އެ ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.
ޔާމީން ވިދާޅުވީ ޑޮލަރުން ދަރަންޏެއް ދައްކާ ކޮންމެ ފަހަރަކު ފައިސާ ޗާޕުކުރެވޭނަމަ ފައިސާގެ އަގު ބޮޑު ތަނުން ވެއްޓި، އިގުތިސާދަށް ލޮޅުން އަރާނޭ ވަރަށް ނިކަން ބައިވަރު ފައިސާ ނެރެން ޖާގަ ލިބޭނެ ކަމަށެވެ.
"ޖުމުލަ ދަރަނި އުޅޭނެ 4 ބިލިއަން. 4 ބިލިއަނަކީ މި އަދަދު [ސަރުކާރުން މި ވަގުތަށް ދަރަނި ދައްކާފައިވާ 150 މިލިއަން ޑޮލަރު] ގެ ގާތްގަނޑަކަށް 27 ގުނަ. މި ވިދާޅުވާ ރޭޝިއޯއިން އެ ކަން ކުރާ ކަމަށް ވަންޏާ 4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 400 ބިލިއަން ރުފިޔާގެ ނޫޓު ނެރެވިދާނެއޭ. ދެން ދިވެހި ރައްޔިތުންނަށް ވާނީ ކީއްތޯ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ