ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ގިނަ ރައްޔިތުން ބޭނުންވާނެ ކަމަށާއި އެއީ ޔަގީންކަމެއް ކަމަށް ރައީސް މުހައްްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް ؟ - އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން އުޅޭތީ ޓެކްސީ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތަފްސީލް - ސަރުކާރުން އެ ވިޔަފާރިއަށް ވަނުމާ ގުޅޭ ގޮތުން، މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލުކުރުމުން ރައީސް ވިދާޅުވީ މާލޭގައި މިހާރު ވޯޯޓެއް ނެގި ނަމަވެސް ސަރުކާރުން އެ ހިދުމަތް ދޭން %80އަށް ވުރެ ގިނަ މީހުން ތާއީދު ކުރާ ކަމަށެވެ.
"މާލޭގައި މިހާރު ވޯޓެއް ނެގިޔަސް %80 އިން މަތިން ތާއީދު ކުރާނެ ސަރުކާރުގެ ނިންމުމަށް. ޔަގީން ކަމެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ހިދުމަތާ އެކު ޓެކްސީ ޑްރައިވަރުންނަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށެވެ.
"މިއީ ޕެރެރަލް ކޮމްޕެޓިޓާއެއް އުފައްދަނީއެއް ނޫން. މީގެ ތެރެއަށް ކިތަންމެ ޓެކްސީ ޑްރައިވަރުންނެއް ވަދެ، މީގެން ވަޒީފާ ލިބި، ސްޓެޑީ ރަނގަޅު އިންކަމެއް ލިބޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެބަ ޔަގީންވެގެންދޭ ހިދުމަތް މެދުނުކެނޑޭކަން."
ބޭނުންވަނީ އިތުބާރު ހިފޭ ޓެކްސީ ނިޒާމެއް ގެނައުން ކަމަށާއި މިއީ އިއާދަކުރަނިވި ހަކަތައިން ދުއްވާ އީ-ވެހިކަލްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ޓެކްސީ ހިދުމަތް ފެށުމަށް އެމްޓީސީސީއަށް އިލެކްޓްރިކް ކާރާއި އެ ޗާޖު ކުރަން ބޭނުންވާ އާލާތްތައް ޓާންކީ އުސޫލުން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކުރަން މިދިޔަ ފެބްރުއަރީގައި ހުޅުވާލި އެވެ.
ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ގިނަ ރައްޔިތުން ބޭނުންވޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ