ބައިގަޑިއިރު ތެރޭގައި އެއް ފިހާރައަކުން ދެފަހަރު ވައްކަންކުރި މީހަކު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހަސަން ޝާން، 44، ހ. ފެންމަތިގެ އެވެ. އޭނާ ހައްޔަރުކުރީ ސޯސަންމަގުގައި ހުންނަ ޝޮޕް އެންޑް ސޭވް ފިހާރައަށް ދެފަހަރުމަތިން ވަދެ ދެފުޅި ސެންޓު ވަގަށް ނެގި މައްސަލައިގަ އެވެ.
ކޯޓަށް ފުލުހުން ހުށަހެޅި ހާދިސާ ރިޕޯޓުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ފުލުހުން ދިޔައީ ހަމަނުޖެހުން ހިންގާ ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން ކަމަށާއި އެ ސަރަހައްދަށް ފުލުހުން ދިޔައިރު، ޝޮޕް އެންޑް ސޭވް ފިހާރައިގެ ވައްކަންކުރި ކަމުގެ ތުހުމަތުގައި ޝާން ހިފަހައްޓާފައި ހުރި ކަމަށެވެ.
އަދި އެ ފިހާރައަށް ވަދެ ފުލުހުން ސުވާލު ކުރުމުން، އޭގެ 20 މިނެޓު ކުރިން ވެސް ޝާން އެ ފިހާރައަށް ވަދެ ސެންޓު ފުޅިއެއް ވަގަށް ނަގައިގެން ގޮސްފައިވާ ކަމަށާއި އެ މަންޒަރު އެ ފިހާރައިގެ ސީސީޓީވީއަށް އަރާފައި ހުރި ކަމަށް އެ ފިހާރައިން މައުލޫމާތު ދިން ކަމަށް ހާދިސާ ރިޕޯޓުގައި ބުނެފައި ވެއެެވެ.
ޝާން ހިފަހައްޓާފައި ހުރީ ދެވަނަ ފަހަރު އެ ފިހާރައަށް ވަދެ އިތުރު ސެންޓު ފުޅިއެއް އޭނާގެ ހެލްމެޓު ތެރެއަށް ލައިގެން ނުކުންނަން މަސައްކަތް ކުރަނިކޮށް ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުންޏެވެ.
އެ މައްސަލައިގައި ޝާން ހައްޔަރުކޮށް ހެންވޭރު ފުލުސް އޮފީހަށް އޭނާ ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތު ޖީބުން ސެންޓު ފުޅިއެއް ފެނިފައިވާ ކަމަށާއި އެ ސެންޓު ފުޅިއާ ގުޅޭގޮތުން އަލުން ފިހާރަށް ގޮސް ސުވާލު ކުރުމުން އެއީ އެ ފިހާރައިގެ ޓެސްޓަރު ސެންޓުފުޅި ކަމަށް އެ ފިހާރައިން ބުނި ކަމަށް ހާދިސާ ރިޕޯޓުގައި ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައި ވަނީ ޝާންއަކީ މީގެ ކުރިން އެކި މައްސަލަތަކުގައި 39 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 21 ފަހަރު ބަންދުގެ މުއްދަތު ޖަހާފައިވާ މީހެއް ކަމަށެވެ.
ބައިގަޑިއިރު ތެރޭގައި އެއް ފިހާރައަކުން ދެފަހަރު ވައްކަންކުރި މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި ބައިގަޑިއިރު ތެރޭގައި އެއް ފިހާރައަކުން ދެފަހަރު ވައްކަންކުރި މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ