މި ސަރުކާރު އައި ފަހުން މުއްސަނދިވީ ސިޔާސީ މީހުން ކަމަށާއި ރައްޔިތުން ވަނީ ފަގީރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖެއަށް ގެއްލިގެންދިޔަ އަހަރެއް ކަމަށާއި މި ސަރުކާރު އައިސްގެން މިދިޔަ އެއް އަހަރުތެރޭ ސިޔާސީ މީހުންނަށް ފައިދާވުމުގެ އިތުރަށް، ހާލަތު ބަދަލުވި ބައެއް ނެތް ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ފެށި ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި ކަމަށާއި އިގްތިސާދީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު އިންތިހާ އަށް ބޮޑުވެގެންދިޔައިރު ވެސް ރާއްޖޭގެ ރަށެއްގައި ކަމެއް ހިނގާތަން ނުފެންނަ ކަމަށާއި ސަރުކާރުން މިދިޔަ އަހަރު ހުސްކޮށްލީ ރާއްޖޭގެ ތާރީހުގެ އެންމެ ބޮޑު ބަޖެޓް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
"ހަރަދުކުރެވިފައި މިހުރީ ވަރަށް ބޮޑަށް ބޭކާރު ހަރަދުތަކާއި ދަތުރުފަތުރާއި މިކަހަލަ ކަންތައްތަކަށް. ސަރުކާރުގެ އިސްވެރިންގެ މަޖަލާއި މި ކަންކަމަށް. އޭގެއިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތަކަށް. އެހެން އެއްވެސް ކަމެއް ނުވޭ،" އަމީރު ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް މުއްސަނދިވަމުން އެބަދޭ. އާންމު ރައްޔިތު މީހާ މިދަނީ ފަގީރުވަމުން،"
މީގެއިތުރުން ތަކެތީގެ އަގުވެސް އިންތިހާއަށް މަތިވަމުންދާ ކަމަށާއި ފެބްރުއަރީ މަސް ނިމޭއިރު އިންފްލޭޝަން ގާތްގަނޑަކަށް 5 ޕަސެންޓަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ކަންކަން ހުރިގޮތުން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
މުއްސަނދިވީ ސިޔާސީ މީހުން، ރައްޔިތުން ވަނީ ފަގީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ