ށ. ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ފުނަދޫ ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި، މި އަހަރުގެ ލޭންޑް ޔޫސް ޕްލޭންގައި ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެކަން ހަވާލުކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި "މި ސަރަހައްދު ތަރައްޤީކުރާނެ ގޮތުގެ މާގު ޗާޓު އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން" ކަމަށް އޭނާ ވިދާޅުވިއެވެ.
ދައްފަޅަކީ ގުދުރަތީގޮތުން ވަރަށް ޚާއްޞަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއްގެ ސިފައިގައި އުފެދިފައިވާ މި ފަޅަކީ ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ޒިޔާރަތްކުރާ ތަނެކެވެ. މީގެ އިތުރުން މި ފަޅުތެރޭގައި ބޮޑެތި ކަކުނި އަދި މަޑް ކްރޭބް އާލާވެއެވެ.
ފުނަދޫ ކައުންސިލުން ދެކޭގޮތުގައި މި ފަޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދީގެން، މި ސަރަހައްދަކީ އީކޯ ޓޫރިޒަމް ތަރައްޤީކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެކެވެ. އެހެންކަމުން މި ފަޅުގެ އެއްބައި ނޭޗަރ ޕާކަކަށާއި އަނެއްބައި އިކޯ ޓޫރިޒަމަށް ޚާއްޞަކޮށްގެން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
ދައްފަޅުގައި ޓޫރިސްޓް ހޮޓަލާއި އީކޯ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ