މައިގަނޑު ގޮތެއްގައި މަސްވެރިކަން ދަށްވީ ރާއްޖޭގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މަތިވުމާ ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މި ދުވަސްވަރު ކިރުވާ މަސް މަދުވެފައިވާއިރު މި އަހަރު މުޅި އިންޑިޔާ ކަނޑުގައިވެސް މަސްވެރިކަން ދަށްކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމު ވިދާޅުވީ މި އަހަރު މަސްކިރުވި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުން ނިމުނު އަހަރު 70،000 އެއްހައި މެޓްރިކްޓަނުގެ މަސް ކިރުވާފައިވާ ކަމަށާއި، ނަމަވެސް މި އަހަރުގެ މިހާތަނަށް ކިރުވީ އެންމެ 30،000 މެޓްރިކް ޓަނުގެ މަސްކަމަށް ޝިޔާމު ވިދާޅުވި އެވެ.
އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު މަސްކިރުވި މިންވަރު އުޅެނީ %50 އަށްވުރެ ބޮޑު ނިސްބަތެއް ދަށުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިސްކިރުވާ މިިންވަރު ދަށްވެފައިވަނީ މަސް ބޭނޭ މިންވަރުވެސް ވަރަށް ބޮޑަށް މަދުވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި މަސް ބާނާ މިންވަރު ދަށްވީ ހަމައެކަނި ދިވެހިރާއްޖޭގައެއް ނޫނެވެ. މުޅި އިންޑިޔާ ކަނޑުގެ ސަރަހައްދުގައިވެސް މަސްވެރިކަން ދަށްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އިންޑިޔާ ކަނޑުގައި މަސްވެރިކަން ދަށްވި ނަމަވެސް މަހުގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި ހާއްސަކޮށް ޔޫރަޕުގައި ބޮޑުނުވާ ސަބަބަކީ މިދުވަސްވަރު ޕެސިފިކުގައި މަސްވެރިކަން ރަނގަޅުވުމުން ބާޒާރަށް މަސް ނެރޭ މިންވަރަށް ކުރިއަށްވުރެ މާ ބޮޑަށް ދަށަށް ނުދިއުން ކަމަށެވެ.
މަސްވެރިކަން ދަށްވާ ސަބަބެއްގެ ގޮތުގައި ޝިޔާމު ފާހަގަކުރެއްވީ ކަނޑުގެ ލޮނުގަނޑު ހޫނުވުމެވެ. އެގޮތުން ރާއްޖޭގައި މައިގަނޑުކޮށް ކޮށްއުޅޭ ދެބާވަތުގެ މަސްވެރިކަން ކަމަށްވާ ކަޅުބިލަމަހުގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަންވެސް ދިވެހިން ކުރަނީ ކަނޑުގެ މަތީ ފަށަލައިންކަމަށްވާތީ އެ ފަށަލަ ހޫނުވުމުން މަސްވެރިކަން ދަށްވާ ކަމަށެވެ.
އެހެންކަމުން މޫސުމީ ބަދަލުތަކުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ދެތިން މަހުވެސް ހޫނުވާނެކަމަށް ބައެއް ސައެންސްވެރިން ލަފާކުރައްވާތީ ކުރިއަށް އޮތް ދުވަސްވަރު މަސްވެރިކަން އެހާ ރަނގަޅުނުވުމުގެ ފުރުސަތު ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މަސްވެރިކަން ދަށްވުމުގެ ސަބަބުން މުޅި މި އަހަރު މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރި މިންވަރުވެސްވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ދަޅުގައި ބަންދުކޮށްގެންނާއި ޕައުޗުގައި ބަންދުކޮށްގެން މަސް ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މި ދުވަސްވަރު މުޅި އިންޑިޔާ ކަނޑުގައިވެސް މަސްވެރިކަން ދަށް: ޝިޔާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ