ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު މަދު ކުރުމަކުން ޖުޑިޝަރީ އިސްލާހު ނުކުރެވޭނެ ކަމަށާއި މިހާރު އެކަން ކުރަން އުޅެފި ނަމަ އުފެދޭނީ ސަރުކާރުން ބޭނުންވާ ފަދަ ސުޕްރީމް ކޯޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނިކޮށް ނަޝީދު ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްފި ނަމަ އުފެދިގެން ދާނީ އާ ސުޕްރީމް ކޯޓެއް ކަމަށާއި އެކަން އެހެން ވެއްޖެ ނަމަ ދެން އުފެދޭނީ ޕީޕީއެމުން ހިތްހަމަޖެހޭ ފަދަ ސުޕްރީމް ކޯޓެއް ކަމަށެވެ. އަދި މިހާރު މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނެތްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ފެން ފެނުމުގައި މިވަގުތު ނެތް އެގޮތަށް އެކަން ހިނގަމުންދާއިރު ވާދަވެރިންގެ ބަހެއް މަޖިލީހުގައި ފާހަގަ ކުރެވޭނެ ގޮތެއް، މިގޮތަށް މިކަން ހިނގައިފި ނަމަ އުފެދިގެންދާނީ ވަރަށް ބޮޑަށް އެއް އަތަކަށް ޖެހިފައިވާ ސުޕްރީމް ކޯޓެއް، ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ހިތްހަމަ ޖެހުމަށް އެކުލަވާލެވޭ ސުޕްރީމް ކޯޓެއް." އދ. ގެ އޭޝިއާ ޕެސިފިކް ބިޒްނަސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖުޑިޝަރީގައި މައްސަލަތައް ހުރީ ކޮންމެހެން ހަތް ފަނޑިޔާރުން ތިބެގެން ނޫން ކަމަށާއި އެހެން ގޮންޖެހުންތަކަކާއި މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރަންޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށާއި ގާނޫނަކުން އެކަން ކުރަން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ ޝަރީފް ހުށަހެޅުއްވި އެ އިސްލާހާ އެކު ކުރިއަށް ދިއުން ރަނގަޅު ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނަކުން ކަނޑައަޅާ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. ނަމަވެސް ވަކި އަދަދަކަށް ފަނޑިޔާރުން އެ ކޯޓުގައި ތިބެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައެއް ނެތެވެ.
މިހާރު ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިބި ނަމަވެސް މިހާރުގެ ގާނޫނު އަސާސީ ތަސްދީގުވެގެން އުފެއްދި އިންތިގާލީ ސުޕްރީމް ކޯޓުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ގިނަ ފަނޑިޔާރުންނަކީ މިހާރުގެ ސުޕްރީމް ކޯޓުގައި ވެސް ތިއްބަވާ ބޭފުޅުންނެވެ.
ފަނޑިޔާރުންގެ އަދަދު މަދުކޮށްފި ނަމަ އުފެދޭނީ ސަރުކާރުން ބޭނުންވާ ފަދަ ސުޕްރީމް ކޯޓެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ