ޤައުމު ބިނާކުރުމުގައި ވިލާކޮލެޖާއި، ވިލާ ހައި ސްކޫލުން ވަނީ ފުރިހަމަ ދައުރެެއް އަދާކޮށްފައި: ޤާސިމް

ދިވެހިޤައުމު ބިނާކުރުމާއި، ޤައުމުގެ މާދަމާގެ މުސްތަޤްބަލު އުޖާލާކުރުމުގައި ވިލާކޮލެޖާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ ޤައުމުގެ ނިޞްބަތުން ފުރިހަމަ ދައުރެއް އަދާކޮށްފައިކަމަށް ވިލާ ކޮލެޖްގެ ޗެއާރމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ވިލާ ކޮލެޖަށް 17 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވިލާ ކޮލެޖްގެ ޗެއާރމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ދިވެހި ދަރިވަރުންނަށް، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޒަމާނީ ފެންވަރުގެ ފުރިހަމަ ފުރުޞަތު ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި އުފެެއްދި ވިލާކޮލެޖާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް 17 އަހަރު ފުރުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ.
ގާސިމް ވިދާޅުވީ ވޭތުވި 17 އަހަރުތެރޭގައި ވިލާ ކޮލެޖުން މަތީތަޢުލީމުގެ، ފެންވަރު ރަނގަޅު އެތައް ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި ދުނިޔޭގެ ނަން ހިނގާ ޔުނިވަރސިޓީތައް ޤަބޫލު ކުރާ އެންމެ މަތީ މިންވަރަށް އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލު ކުރާ އެންމެ މަތީ މިންގަނޑުތަކަށް ފެތިފައިވާ އޭލެވަލް އާއި، ސެޓްފިކެޓްލެވަލް ޕްރޮގްރާމްތަކާއި، ޑިޕްލޮމާއާއި، ބެޗްލާސް ޑިގްރީގެ އިތުރުން މާސްޓާސް ޑިގްރީ އެތައް ހާސް ދަރިވަރުންނެއް އެހިޔާވަހިކަމުގެ ދަށުން ހާޞިލް ކޮށް ދިރިއުޅުން އުޖާލާކޮށްފައިވާކަމަށެވެ.
އަދި ޢިލްމު ފެތުރުމުގެ ތެރެއިން ދިވެހި ޤައުމު ބިނާކުރުމާއި، ޤައުމުގެ މާދަމާގެ މުސްތަޤްބަލު އުޖާލާކުރުމުގައި ވިލާކޮލެޖާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ، ޤައުމުގެ ނިޞްބަތުން ނުހަނު ފުރިހަމަ ދައުރެއް އަދާކޮށްފައިކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ވިލާ ކޮލެޖު ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި އަދާކޮށް މަރުހަބާ ވިދާޅުވެފައެވެ. އަދި ހުރިހާ ސަރުކާރުތަކުންވެސް ޢިލްމު ފެތުރުމުގެ މި މުހިންމު މަސައްކަތުގައި ދެއްވި އަދި ދެެއްވަމުންގެންދަވާ އެއްބާރުލުމަށްވެސްވަނީ ޝުކުރު އަދާކުރައްވާފައެއެވެ.
ވިލާކޮލެޖުން އަބަދުވެސް އަހަމިއްޔަތުކަންދީފައިވާނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމުގެ ނަމޫނާ ފުރުޞަތުތައް ފޯރުކޮށް ދިނުމައްކަމަށާއި، ވިލާކޮލެޖް އަބަދުވެސް ދެމި އޮންނާނީ އެގޮތުގައިކަމަށް ގާސިމް ވިދާޅުވިއެވެ.
ވިލާ ކޮލެޖަށް 17 އަހަރު ފުރޭއިރު، އެކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ހިންގާ ޕްރައިވެޓް ކޮލެޖެވެ. އެ ކޮލެޖުގައި ކިޔަވައިދިނުމުގެ އިތުރުން ދިރާސީ އެތަކެއް މަސައްކަތްތަކެއްވެސް ކުރެއެވެ.
އެކޮލެޖުން ދޭ ޔަޤީންކަމަކީ، އެކޮލެޖުން ނިކުންނަ ދަރިވަރުންނަކީ ކޮންމެ ސިނާޢަތެއްގައިވެސް މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ދަރިވަރުންނަށް ވާނެކަމެވެ. އަދި އެދަރިވަރުންނަށް ބައިނަލްއަޤްވާމީ މައިދާނުގައިވެސް ވާދަ ކުރެވޭނެ ކަމަށް އެކޮލެޖުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ