ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ލީވާން އާއި ޝަހުޒާން ޖަލަށް ލުމަކީ ހެދި ބޮޑު ގޯހެއް: ސުއޫދު

އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދުކުރުމުގެ އަމުރާ ހިލާފުވީ ކަމަށް ނިންމާ، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ނޫސްވެރިންތަކެއް ޖަލަށް ލުމަކީ ހެދި ބޮޑު ގޯހެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދޫ މިރޭ ވިދާޅުވެއްޖެ އެވެ. 
ސުއޫދު މިހެން ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ޖަލަށް ލާފައިވާ މި ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާންގެ މައްސަލައިގައި އޭނާ ދެކޭ ގޮތް ހާމަކޮށް، އެ މީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. 
އެ ޕޯސްޓުގައި ސުއޫދު ލިޔުއްވާފައި ވަނީ، އެ  ދެ ނޫސްވެރިން ވެސް ބޮޑު އަދަބެއް ތަހައްމަލުކުރަން ޖެހުނީ އެ މީހުންގެ މަސައްކަތުުގެ ޒިންމާ އަދާކުރިކަމަށް ޓަކައި ކަމަށެވެ. އަދި މިިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޒިންމާދާރުކުރުވުމާއި، އަދި ދިމިގުރާތީ ނިޒާމުގެ ދެ ފުށް ފެންނަ އުސޫލުތަކަށް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ. 
ސުއޫދު ވިދާޅުވި ގޮތުގައި، ނޫސްވެރިކަމަކީ ކުށެއް ނޫނެވެ. އަދި، މިނިވަން މުޖުތަމައުއެއް ބިނާވެފަ އޮންނަނީ، އުނދަގޫ ހާލަތްތަކުގައި ވެސް ސުވާލުކޮށް، ހަގީގަތް ހޯދާ، އަދި ޒިންމާދާރުކުރުވުމަށް މަސައްކަތް ކުރާ ކެރޭ ހިތްވަރު ގަދަ ނޫސްވެރިންގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. 
މި މައްސަލައިގައި ކުރި އުނދަގޫ ތަޖުރިބާގެ ތެރޭގައި ދެ ނޫސްވެރިން ދެއްކި ހިތްވަރުގެ އަގުވަޒަންކުރައްވައި، ސުއޫދު ވިދާޅުވީ، އެ ދެ ނޫސްވެރިން ދެއްކި ސާބިތުކަމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެކެވެ.
ސުއޫދު ވަނީ މި މައްސަލައިން މުހިންމު ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ، ފާޑުކިޔުމާއި، ފާރަވެރިވުމާއި، ކަންކަން ރިޕޯޓުކުރުމުން ބަދަލު ހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމެވެ. 
"މިނިވަން އަދި ބިރަކާ ނުލާ މަސައްކަތް ކުރާ މީޑިއާތައް އޮތުމަކީ ދިމިގުރާތީ ނިޒާމުތައް ބަލިކަށިވުމުގެ ބަދަލުގައި އިތުރަށް ވަރުގަދަވެގެންދާ ކަމެއް،" ސުއޫދު ވިދާޅުވި އެެވެ. 
ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަދަދުގެ ދެ ނޫސްވެރިން ޖަލަށްލާފައިވާއިރު، އެ މީހުން ބަންދުކުރި އަމުރު ގުޅޭ މައްސަލައިގައި މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދަށް ކުރާ ގަޒުފުގެ ކުށުގެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި މާދަމާ ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ