ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުއްވުމުން ވެސް އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން، އެކަން އަލުން ބަލައިދިނުމަށް އެދި އެ ކޮމިޝަންގެ މުރާޖައާ ކޮމެޓީ އަށް އެ މަނިކުފާނު ހުށަހަޅުއްވައިފި އެވެ.
ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ކުރިން ބުނެފައިވާ ގޮތުގައި މައުމޫނަކީ އެ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ބޭނުންވީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ޒިންމާތައް ކައުންސިލުން މުސްތަޝާރާ ހަވާލުކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް އެފަދަ ލިޔުމެއް ކޯޓަށް ހުށަހަޅަން ޖެހުމުންނެވެ.
އެހެންވެ، އެ ފަދަ ލިޔުމެއް ދިނުމަށް މައުމޫން މިދިޔަ މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންނެވުމުން އެ ކޮމިޝަނުން އެ ކަމަށް އިޖާބަ ދީފައެއް ނުވެ އެވެ. އަދި ފަހުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ލިޔުން ހޯދުމަށް ހުށަހެޅުމުން ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ މައުލޫމާތު އެހެން ފަރާތަކުން ހޯދުމަށެވެ.
މި ދެ ގޮތުން ވެސް ކާމިޔާބު ނުވުމުން، އިލެކްޝަންސް ކޮމިޝަނުގެ މުރާޖައާ ކޮމެޓީ އަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވި ސިޓީއެއްގައި މައުމޫން ވިދާޅުވީ އެ މައުލޫމާތަކީ އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށް އަދި އެ ތަނުގެ އިންފޮމޭޝަން އޮފިސަރު ދިނުން ލާޒިމް ކުރާ މައުލޫމާތެއް ކަމަށެވެ.
އެހެންވެ، އެ މައުލޫމާތު އެހެން ފަރާތަކުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އެ މަނިކުފާނު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ކަން، އެ އިދާރާއެއްގެ މުރާޖައާ ކޮމެޓީ އަށް ހުށަހެޅޭނެ އެވެ. މައުމޫން މި މައްސަލަ އިލެކްޝަންސް ކޮމިޝަންގެ މުރާޖައާ ކޮމެޓީ އަށް ހުށަހެޅުއްވީ ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ މާއްދާގެ ދަށުންނެވެ.
ސިޓީގައި މައުމޫން ވަނީ މުރާޖައާ ކޮމެޓީން އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބެލުމަށް ފަހު، އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
މުޅި ރާއްޖެ އަށް އެނގޭ ގޮތަށް ޕީޕީއެމުން ބޭއްވި ބޮޑު ކޮންގްރެސްއަކުން އެ ޕާޓީގެ ރައީސްކަމަށް މައުމޫން އިންތިހާބުކޮށްފައި ވިޔަސް، ޕީޕީއެމްގެ ރައީސަކީ އެ މަނިކުފާނުކަން އަންގައިދޭ ރަސްމީ ލިޔުމެއް މައުމޫން ހޯއްދަވަނީ ޕާޓީގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލު ކުރަން ކޯޓަށް މައްސަލަ ހުށަހެޅުއްވިއިރު، އެ ލިޔުން ބޭނުންވުމުންނެވެ. އެކަމަކު، ކޯޓުން މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުން ނުދިނުމުން މައުމޫން މިފަހަރު މުރާޖައާ ކޮމެޓީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ