ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކޮށްފި ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނުކޮށް މަގާމުގެ ލިޔުން އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގަ އެވެ. އެ ރަސްމިއްޔާތުގައި ހުސްނީ މުބާރަކު ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
ހުސްނީ މުބާރަކު ޖޭއެސްސީއަށް އައްޔަނުކުރީ އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުގެ މަގާމަށެވެ. އެ މަގާމުގައި މީގެ ކުރިން ހުންނެވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. އެ މަގާމު ހުސްވީ ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.
ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވި ރިޒާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާއެކު ޖޭއެސްސީގެ ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ ރިޒާގެ ރިޔާސަތުގަ އެވެ. އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ދިރާސާކުރިއިރު، ހުސްނީ މުބާރަކު އަކީ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރެވެ. ނަމަވެސް ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކުރާތީ އެ ކޮމިޓީގެ މުގައްރިރުކަމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މިއަދު ވަނީ އައްޔަންކޮށްފަ އެވެ.
ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 58 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ