ގާނޫނާ ހިލާފަށް، ގާނޫނުން ބޭރުން ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ވެހިކަލްއެއް މިހާރު ރެޖިސްޓްރީ ކޮށްނުދޭ ކަމަށެވެ.
"ގާނޫނީ ޒިންމާ އަޅުގަނޑުމެން ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް އުފުލާފައި އޮންނާނީ، ފެނިވަޑައިގަންނަވާނެ މިހާރު ގާނޫނާ އެއްގޮތަށް ނޫނިއްޔާމުން ވެހިކަލް ރެޖިސްޓްރީއެއް ނުކުރެވޭނެ. ތީގެ ތެރެއިން ވެސް ހަމަ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ކައިރީގައި ރިކުއެސްޓް ކުރީމާ އަޅުގަނޑު ހަމަ އަރުވާ ޖަވާބަކީ ނުވާނެޔޭ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުން ބޭރުން ރެޖިސްޓްރޭޝަންގެ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ވެހިކަލްތައް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ރެޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެ ނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް ކުންފުނިތަކުގެ ނަމުގައި ރެޖިސްޓްރީ ނުކުރެވޭ ގޮތަށް ވެސް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެ ފުރޮޅުލީ އުޅަނދު އެތެރެކުރުމާއި ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކެއް ވެސް މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ގާނޫނާ ހިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް އަމީން ވިދާޅުވެއްޖެ ގާނޫނާ ހިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް އަމީން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ