ކޮޅުވެއްޓި އާއި ބާޖު އޮޕަރޭޓުކުރަނީ ލައިސަންސް ނެތް ކެޕްޓަނުން ކަމަށް ޓްރާންސްޕޯޓުން ބުނެފި ކޮޅުވެއްޓި އާއި ބާޖު އޮޕަރޭޓުކުރަނީ ލައިސަންސް ނެތް ކެޕްޓަނުން ކަމަށް ޓްރާންސްޕޯޓުން ބުނެފި

ރާއްޖޭގައި ކޮޅުވެއްޓި އާއި ބާޖު އޮޕަރޭޓުކުރަނީ ލައިސަންސް ނެތް ކެޕްޓަނުންކަން ފާހަގަކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ބެހޭ ގަވާއިދުގައިވާ ކެޕްޓަނުންނަށް ކަމަށްވާއިރު، އެފަދަ ލައިސަންސެއް ނެތި އުޅަނދުތަކުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3،000 ގްރޮސްޓަނުގެ ކެޕްޓަނުންނަށް އެކަނި ކަމަށް ގަވާއިދުގައި ބުނެ އެވެ.
މީގެއިތުރުން ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށްވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމަ ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށީގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓުކުރާ މަތީގައި ދަންނަވާފައިވާ ސައިޒުތަކުގެ އުޅަނދުފަހަރުގައި ލައިސަންސް އޮންނަ ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓުކުރުމަށާއި އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭ ގޮތަށް ބަރު ކުރުމާއެކު މުދާ ރަނގަޅަށް ލޮކޭޝަން ކޮށްގެން ދަތުރު ފެށުމަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓުން ވަނީ އަންގާފަ އެވެ.
ޓްރާންސްޕޯޓުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓި އާއި ބާޖު އޮޕަރޭޓު ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ކާގޯ ބޯޓަކުން އެކްސްކެވޭޓަރެއް ބާލަން އުޅުމުގެ ތެރޭގައި، އެ އެކްސްކެވޭޓަރު އެރުވި ކޮޅުވެއްޓި ބަންޑުން ޖަހާލައި އެމްޕީއެލްގެ ދެ މުވައްޒަފުން ނިޔާވި އެވެ. އޭގެއިތުރުން މި އަހަރު ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި އިތުރު ދެ ހާދިސާއެއްގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ