ރާއްޖޭގައި ކުޅެގެން ނަތީޖާއެއް ނެރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެކަމުގެ ތަޖުރިބާ އޭނާގެ އެބަހުރި ކަމަށް އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭ ފިލިޕީންސްގެ ކޯޗު، ސްޕެއިނުގެ ކާލޯސް ކުއަޑްރާޓް ބުނެފި އެވެ.
ބާސެލޯނާ ބީ ޓީމާއި ސީ ޓީމަށް ކުރިން ކުޅުނު ކުއަޑްރާޓް ވަނީ، 2016 އިން 2021 އަށް އިންޑިއަން ސުޕަ ލީގުގެ ބެންގަލޫރު އެފްސީގެ ކޯޗިން ޓީމުގައި ހުރިއިރު، ރާއްޖޭގެ އެކި ކްލަބްތަކާ ދެކޮޅަށް އޭއެފްސީ ކަޕްގެ ކުޅެފަ އެވެ. ކުއަޑްރާޓް ވަނީ ބެންގަލޫރުގެ އެސިސްޓަންޓް ކޯޗެއްގެ އިތުރުން އިންޓަރިމް ކޯޗަކަށް އަދި ހެޑް ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ.
"އަހަރެން މީގެ ކުރިން މި ދަނޑަށް މެޗުތަކަށް ނުކުތިން އޭގެއިން އެނގޭ ކަމަކީ ރާއްޖޭގައި ނަތީޖާ ނެރެން، އުނދަގޫ މެޗުތެރޭގައި ވަރަށް ގިނަ ކަންތައްތައް ހިނގާނެ، ވަރަށް ވިސްނައިގެން ސަމާލުވެގެން ހުރެގެން ކާމިޔާބު ލިބޭނީ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުއަޑްރާޓް ބުންޏެވެ.
ރާއްޖޭގެ ގައުމީ ޓީމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ކުއަޑްރާޓް، ބުނީ ރާއްޖެ އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި ޖާގައެއް ދީފިނަމަ ނުރައްކާ ކުރާނެ ކުޅުންތެރިން ގިނަ ކަމަށެވެ.
"ރާއްޖެ އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް. ޖާގައެއް ލިބިއްޖިއްޔާ ނުރައްކާކުރާނެ ކުޅުންތެރިން އެބަތިބި. އެންމެ ގިނަ ކުޅުންތެރިން އެ ކުޅެނީ މާޒިޔާގައި. އެހެންވީމަ އެ މީހުންނަށް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު އެނގޭނެ. މިއީ އުނދަގޫވާނެ މެޗެއް އަހަރެމެންނަށް، ފުރަތަމަ ގޯލު ޖަހާ ޓީމަކަށް ސަައިކޮލޮޖިކަލް އެޑްވާންޓޭޖެއް އޮންނާނެ. އެހެންވީމަ، އަހަރެމެންނަށް ވަރަށް މުހިންމު ފޯކަސްކޮށްގެން ކުޅެ، ލަނޑު ޖަހާ ފުރަތަމަ ޓީމަށް ވާން،" ކުއަޑްރާޓް ބުންޏެވެ.
ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗު މާޗް މަހު އޮތީ ރާއްޖޭގައި ކުޅޭ ގޮތަށް ޝެޑިއުލްކޮށްފަ އެވެ. އެކަމަކު، އޭރު ހާލަތު އޮތްގޮތުން، އެ މެޗު ފިލިޕީންސަަށް ބަދަލުކޮށް، ރާއްޖޭގެ ހޯމް މެޗު ފަހަށް ޝެޑިއުލްކުރީ އެވެ. ސްޕެއިނުގެ ކޯޗު، އަލްބާޓޯ ކަޕެއްޔަސް، އޭރު ފިލިޕީންސް ކޯޗަކަށް ހުރިއިރު، އެ މެޗުން ރާއްޖެ އަތުން ފިިލިޕީންސް މޮޅުވީ 4-1 އިންނެވެ.
ކަޕެއްޔަސްގެ އެސިސްޓަންޓަކަށް ފުރަތަމަ ހުރި ކުއަޑްރާޓް ފަހުން، ހެޑް ކޯޗަކަށް ހަމަޖެއްސީ ވަގުތީ ގޮތުން އެ މަގާމުގައި ހުުރުމަށް ފަހު އެވެ. ކަޕެއްޔަސް، ދާން ޖެހުނީ އަމިއްލަ ސަބަބުތަކަކާ ހެދި އެވެ. ކުއަޑްރާޓް ބުނީ، ފުރަަތަމަ މެޗުން ފިލިޕީންސް މޮޅުވި ނަތީޖާ އާއި އެ މެޗު ދިޔަ ހާލަތު ތަފާތު ކަމަށެވެ.
"އެ މެޗު 2-0 ގައި އޮއްވައި ރާއްޖެ އަށް ލިބުނު ފުރަތަމަ ފުރުސަތުން 2-1 އަށް ބަދަލުވި، އެ ގޮތަށް އޮތްއިރު، ކޮންމެ ކަމެއްވެސް ވެދާނެ. އަހަރެމެން މި އަންނަނީ އެ ކަންކަން ވިސްނައިގެން މި މެޗަށް ނުކުންނަނީ، ކުޅުންތެރިންނަށް ދޭން ޖެހޭ މެސެޖު ވެސް ދީގެން. މެޗުގެ އެއްވެސް ވަގުތެއްގައި މާ ކޮންފިޑެންސް މައްޗަށް ޖައްސައިގެން ނޫޅެން. އަބަދުވެސް ނަތީޖާ ނެރެން ފައިޓްކުރަން،" ފުރަތަމަ މެޗުން މޮޅުވިޔަސް، ފިލިޕީންސަށް އެޑްވާންޓޭޖް ނެތްކަން ފާހަގަކޮށް ކުއަޑްރާޓް ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭގެ މޫސުމުގެ ކަންކަން ހުރި ގޮތަށް ހޭނުމަށްޓަކައި މި މެޗަށް އައުމުގެ ކުރިން ފިލިޕީންސް ޓީމު ދުބާއީގައި ކޭމްޕެއް ކުރިކަމަށާއި ރާއްޖެ އައިސް ފުރަތަމަ ޓްރެއިނިން ބޭއްވީ ވެސް ހަވީރު ވަގުތުގައި ކަމަށެެވެ. ޓީމު އެކުލަވާލުމަށް ދުބާއީގައި ރަނގަޅު މަސައްކަތެއް ކުރެވުނުކަން ފާހަގަކޮށް، ކުއަޑްރާޓް ބުނީ، މެޗުން މޮޅުވުމުގެ ފޯކަސްގައި ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރަން ޖެހޭ ކަމަށެެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ފިލިޕީންސާއި ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ފިލިޕީންސް އަށެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ހަަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ފުލުގައި އޮތީ ކޮލިފައިން ހަތަރު މެޗުން ވެސް ބަލިވެގެންނެވެ.
"ދަނޑުގެ ވިނަގަނޑުގެ މައްސަލަ އާއި މޫސުމުގެ އުޒުރުތަކެއް ދައްކައިގެން ކަންކަން ކުރުމުގެ ބަދަލުގައި އެއް ޓާގެޓަކާ އެކު ކުރިއަށްދިއުމުގެ ނަތީޖާ އަކީ، މި ގްރޫޕްގެ ފަހު މެޗުތަކަށް އައިއިރު ވެސް އަހަރެމެންނަށް ކޮލިފައިވުމުގެ ފުރުސަތު އޮވެގެން މެޗުތަކަށް ނުކުންނަށް ފުރުސަތު އޮތުމަކީ ކުރިއެރުމެއް،" ކުއަޑްރާޓް ބުންޏެވެ.
ފިލިޕީންސާ ދެކޮޅަށް މިހާތަނަށް ރާއްޖޭން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ފިލިޕީންސް މޮޅުވިއިރު، އެއް މެޗުން އެއްވަރުވެ، އެއް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ.
ރާއްޖޭން ވަނީ 2009 ވަަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި މާލޭގައި ކުޅެ، 3-2 އިން ފިލިޕީންސް ބަލިކޮށްފަ އެވެ. އޭގެ ފަހުން، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ސެމީ ފައިނަލުގައި ފިލިޕީންސް އިން ވަނީ މާލޭގައި 3-2 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ގަލޮޅު ދަނޑުގައި ކުޅެ، ފިލިޕީންސް އިން ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. މި އަހަރު މާޗް މަހުގެ ކުރިން، އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުގައި، ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސްގެ ހޯމް މެޗު ސެންޓްރަލައިޒްކޮށް، 2022 ވަނަ އަހަރު ދުބާއީގައި ކުޅުނުއިރު، ރާއްޖެ އާއި ފިލިޕީންސް ވީ 1-1 އިން އެއްވަރުވެފަ އެވެ.
ފިލިޕީންސް އާއި ރާއްޖޭގެ މެޗު ފަށާނީ މާދަމާ ހަވީރު 15:30 ގަ އެވެ.
ރާއްޖޭގައި ކުޅެން ފަސޭހައެއް ނުވާނެ، އެކަމުގެ ތަޖުރިބާ އެބަހުރި: ފިލިޕީންސް ކޯޗު ރާއްޖޭގައި ކުޅެން ފަސޭހައެއް ނުވާނެ، އެކަމުގެ ތަޖުރިބާ އެބަހުރި: ފިލިޕީންސް ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ