ތޫފާން 'ސެންޔާ': މެލޭޝިއާއަށް މިހާތަނަށް އަރާ އެންމެ ވަރުގަދަ ތޫފާން
މިރޭގެ ވަގުތެއްގައި މެލޭޝިއާއަށް އަރާނެ ކަމަށް ލަފާކުރެވޭ ތޫފާން "ސެންޔާ" އަކީ މިހާތަނަށް އެ ގައުމަށް އަރާނެ އެންމެ ބާރުގަދަ ތޫފާން ކަމަށް މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާ (މެޓްމެލޭޝިއާ) އިން ބުނެފިއެވެ. ސްޓްރޭޓްސް ޓައިމްސް އަށް މައުލޫމާތު ދެއްވަމުން މެޓްމެލޭޝިއާގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުޙައްމަދު ހިޝާމް އާނިފް ފާހަގަކުރެއްވި ގޮތުގައި ރެކޯޑްތަކުން ދައްކާ ގޮތުގައި މިއީ އެ ސަރަހައްދުގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ބާރުގަދަ ތޫފާނެވެ. އެ ތޫފާން އިރުދެކުނު ސްޓްރޭޓްސް އޮފް މަލާކާގެ ކަނޑުގެ ތެރެއަށް ދަތުރުކުރަމުންގޮސް ޕެނިންސުލާއާ ދިމާއަށް މިސްރާބު ޖަހާފައި ވަނީ ގަޑިއަކު ގާތްގަޑަކަށް 24 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ހިޝާމް ވިދާޅުވީ އެ ތޫފާން މިރޭ މެލޭޝިއާގެ ޕެނިންސުލާ ސަރަހައްދަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެންމެ ބޮޑަށް އަސަރުކުރާނެ ސްޓޭޓްތަކަކީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރާއި ޕެނިންސުލާގެ ހުޅަނގާއި މެދުތެރޭގެ ސްޓޭޓްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ސަރަހައްދުތަކަކީ ބޯކޮށް ވާރޭވެހި، ވައި ގަދަވެ، ފެން ބޮޑުވުން އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކަކަށްވާތީ، ކުރިއަށް އޮތް ތިން ދުވަހު މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ހިޝާމް އިލްތިމާސްކުރެއްވިއެވެ. މެލޭޝިއާއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެތައް ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. މެލޭޝިއާއަށް މިހާތަނަށް އަރާ އެންމެ ބާރުގަދަ ތޫފާން 'ސެންޔާ' މިރޭ އެ ގައުމަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައި. ފޮޓޯ/މެލޭމެއިލް މެލޭޝިއާގެ ކާރިސާތަކާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ ހަތް ސްޓޭޓެއްގައި ފެންބޮޑުވުމުގެ ސަބަބުން 13،000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އިންޑޮނޭޝިއާގެ ސުމަޓްރާއަށް ތޫފާން "ސެންޔާ" އަރާފައިވަނީ ރޭ ދަންވަރުއެވެ. މި ތޫފާނުގެ އަސަރު މެލޭޝިއާގެ އިތުރުން އިންޑޮނޭޝިއާ، އަދި ތައިލެންޑަށްވެސް ކޮށްފައިވެއެވެ. ތައިލެންޑުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 46 މީހުން މަރުވެފައިވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އިންޑޮނޭޝިއާއިން 76 މީހުން މަރުވެފައިވެފައިވާއިރު، 74 މީހަކު ވަނީ ގެއްލިފައެވެ. މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ