ވިނައިގެ ކުލައަކީ ފެހިކުލަކަމަށް ބުނެ ޒުވާބުކުރި މީހާ ޖަލަށްލެވުނު ސަބަބު- ކޮންމެހެން ދަސްކުރަންޖެހޭ ފިލާވަޅެއް!

ޒަމާން ތަރައްޤީވެއްޖެ ކަމުގެ ގިނަ ބައަކު ދައްކައެވެ. ސުވާލަކީ ޒަމާން ތަރައްޤީވި ނަމަވެސް މީހުންގެ ވިސްނުން ތަރައްޤީނުވާނަމަ އެމީހަކަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޙަޤީޤަތް އެނގިތިބެވެސް ތިމާ ތާއީދުކުރާ ގޮތް މޮޅުކުރަން ޒުވާބުކުރަނީ ވިސްނުން ތަރައްޤީނުވާތީ ނޫންހެއްޔެވެ؟ 
އެހެންވެ މިގެނެސްދެނީ އެފަދަ މީހުންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ވާހަކައެކެވެ. މައްސަލަ މިހައި ބޮޑުވެގެން މިދަނީ މިރަސްގެފާނު ފަދަ ރަސްކަލުން މިއަދު ނެތުމުންނެވެ. 
ދެބަސްވެ އަރައިރުންވުމަކީ ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވަވާފައިވާ ކަމެކެވެ. އަދި ޙައްޤުގައި ހުރިނަމަވެސް ޒުވާބުކުރުން ދޫކޮށްލުމުން ދެއްވަވަނީ އެމީހަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. ސުވަރުގެއިން ގަނޑުވަރެކެވެ. އެހެންވެ ފުރަތަމަ ކަމަކަށް މިރޭ ކުޑަކުޑަ ޢިބްރަތްތެރި ވާހަކައެއް ކިޔައިދޭނަމެވެ. 
ދެމީހަކު ޒުވާބުކުރަނީއެވެ. އެކަކު މިބުނަނީ ވިނައިގެ ކުލައަކީ ފެހިކުލަކަމަށެވެ. އަނެކަކު މިބުނަނީ ވިނައިގެ ކުލައަކީ ރަތްކުލަކަމަށެވެ. 
ގަދައަށް ޒުވާބުކުރުމަށްފަހު ތެދީ ކާކުގެ ބަސްކަން ބެލުމަށް ރަސްގެފާނުގެ އަރިހަށް ގޮސް މައްސަލަ ހުށަހެޅުމުން ރަސްގެފާނު އަމުރުކުރެއްވީ ވިނައިގެ ކުލައަކީ ފެހިކުލަކަމަށްބުނާ މީހާ އެއްމަސްދުވަހަށް ޖަލަށްލުމަށެވެ. 
އޭނާ ޖަލުގައި ހުއްޓައި ރަސްގެފާނު ވަޑައިގެން ބައްދަލުކުރެއްވުމުން ސުވާލުކުރިއެވެ. "ރަސްގެފާނުއެވެ! ވިނައިގެ ކުލައަކީ ފެހިކުލަ ނޫންތޯއެވެ؟" ޖަވާބުގައި ރަސްގެފާނު ވިދާޅުވީ ވިނައިގެ ކުލައަކީ ފެހިކުލަކަމަށެވެ. 
"ދެން އހެންވީއިރު އަޅުގަނޑު ޖަލުގައި ބަންދުކުރެއްވީ ކިއްވެގެންތޯ؟" ސުވާލުކުރުމުން ރަސްގެފާނު ވިދާޅުވިއެވެ. "ޙަޤީޤަތް ޤަބޫލުނުކުރާ މީހަކާ ޒުވާބުކުރީތީއެވެ. އެފަދަ މީހުންނާ ޒުވާބުކޮށްގެންނުވާނެއެވެ! ޙަދީޘްފުޅުގައި އޮތީ ތިމާ ހުރީ ޙައްޤުގައި ނަމަވެސް ޒުވާބުކުރުން ހުއްޓައިލި މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ލިބޭނެ ކަމަށް ނޫންހެއްޔެވެ؟" 
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަރުކަށި ، ގޮތް ދޫނުކުރާ އަދި ރުޅި ކޮންޓްރޯލް ނުކުރެވޭ ބައެކެވެ. މިފަދަ ކަންކަން މީހުންނަށް ކުރިމަތިވާ ސަބަބަށް ވިސްނައިލުމުން އެނގޭ އެންމެ ޢާންމު ސަބަބަކީ މިފަދަ މީހުންނަކީ ވަރަށް ގިނައިން އަރައިރުންވެ ޒުވާބުކުރާ މީހުން ކަމެވެ. 
މިކަން މިހެންވުމަށް މެދުވެރިވާ ސަބަބަކީ ގިނައިން ދެބަސްވެ ޒުވާބުކުރުމަކީ ހިތް ހަރުވާ ކަމެއް ކަމެވެ. ހިތް ހަރުވުމުން އެހެން މީހުންގެ އިޙްޞާޞްތައް ދެނެގަންނަން ފަސޭހައެއް ނުވާނެއެވެ. އެހެން މީހުންނަށް ހަމްދަރުދީއެއް ނުވެވޭނެއެވެ. މީގެ އިތުރުން މީގެ އިތުރުން އެމީހެއްގެ ހިތުން ރަޙޫމްކުރުން ގެއްލި އަމިއްލަ ނަފްސަށްވެސް ރަޙުމް ނުކުރެވޭ ޙާލަތަށް ކަންކަން ދާނެއެވެ. ބައެއް މީހުންނަށް ރުޅި އާދެވުމުން އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުންލިބޭ ފަދަ ކަންކަން ކުރެވޭ ސަބަބަކީވެސް އެއީއެވެ. 
މިޙާލަތުން ސަލާމަތްވުމަށް އެދޭ މީހާ ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ އަމިއްލަ ގޭގައިވެސް ޒުވާބު ނުކުރުމެވެ. ދެމަފިރިންވެސް ދެބަސްވެ ޒުވާބުނުކުރުމެވެ. ޒުވާބުކުރަންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ އަވަހަށް އެތަނަކުން ދުރަށްދާށެވެ! ޒުވާބު ނުކުރުމުން ދުނިޔެއާއި އާޚިރަތުގައި ލިބެން އޮތް ބޮޑު ފައިދާ ޙާޞިލުކުރާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ