ކުޑަކުދިންނާ ބެހުނު އެޕްސްޓީން އާއި ރައީސް ވަހީދު ބައްދަލުކުރެއްވިކަން ފަޅާއަރައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް ވެސް އެކަން ފޯރުކޮށްދިން ސެކްސް ޓްރެފިކާ، އެމެރިކާގެ ޖެފްރީ އެޕްސްޓީން އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ބައްދަލުކުރެއްވިކަން ލީކުވި އީމެއިލްތަކުން ފަޅާއަރައިފި އެވެ.
ވީ ކިހިނެއް؟ - ހެކަރުންތަކެއް މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ލީކުކޮށްލި އީމެއިލްތަކުގައި ރާއްޖޭގެ ނަން އެންމެ ފުރަތަމަ އައިސްފައިވަނީ، ނިއުޔޯކުގައި ރާއްޖޭގެ ރައީސްއަކާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނާ ވާހަކައަކާ ގުޅިގެންނެވެ. އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ރާއްޖޭގެ ރައީސްއަކާ ބައްދަލުވުމެއް ތާވަލުކޮށްފައިވާ ކަމަށެވެ.
އެކަމަކު އެ ރައީސެއްގެ ނަމެއް އީމެއިލްއަކު ނެތެވެ.
އެގޮތުން، 28 އޭޕްރީލް 2014ގައި އެ އީމެއިލް ފޮނުވި އިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި ތިން ބޭފުޅަކު ތިއްބެވި އެވެ. އެއީ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދެވެ.
ތަފްސީލް - އެކަމަކު މިހާރު އާއްމުވެފައިވާ އާ އީމެއިލްތަކުން ވަނީ، އެޕްސްޓީން އާއި ވަހީދުއާ ގާތް ގުޅުމެއް އޮތްކަން ފަޅާއަރާފަ އެވެ. ރާއްޖޭގެ ވެރިކަމުގައި ވަހީދު ހުންނެވި އިރު، އެޕްސްޓީންއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމާއި ވެރިކަމުގެ ގިނަ ކަންކަމުގައި އޭނާގެ ލަފަޔާއި އެހީ ހޯއްދަވާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
އެގޮތުން:
2012 ވަނަ އަހަރު، ރައީސް ވަހީދުގެ ދެކަނބަލުން އދ.ގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ބައްދަލުކުރިކަން އެނގުނު
އެ ދަތުރުގެ ޝެޑިއުލް، ވަހީދު އެޕްސްޓީންއާ ހިއްސާކުރެއްވި؛ އެއިން އެނގޭ ގޮތުގައި ރޭގަނޑުގެ ކެއުމެއް ވަނީ ޝެޑިއުލް ކުރައްވާފައި
ބައްދަލު ކުރި ތާރީހަށް ބަލާއިރު، ކުޑަކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގިކަން އެޕްސްޓީންގެ މައްޗަށް އޭރު ވަނީ ސާބިތުވެފައި
އޭގެ ފަހުން 2013 ވަނަ އަހަރު، އެޕްސްޓީންގެ ގެއަށް ވަހީދު ވަޑައިގެންކަން ވެސް އީމެއިލްތަކުން ސާބިތުވޭ
ދެ ފަރާތުގެ މެދުގައި ބަދަލުކުރި އެ މުއާމަލާތްތަކުން، ވަހީދު އާއި އެޕްސްޓީންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން އެނގެ އެވެ. ގިނަ ކަންކަމުގައި ވަހީދު ވަނީ، އެޕްސްޓީންގެ ލަފާ ހޯއްދަވާފަ އެވެ.
އެގޮތުން، ބައެއް ކަންކަމަށް ބަލާއިރު:
ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖޭގެ ނަން ހަޑިވެފައިވާ ކަމަށާއި އެކަން ރަނގަޅު ކުރުމަށް އެޕްސްޓީންގެ ލަފަޔަށް ރައީސް ވަހީދު އެދިވަޑައިގެންނެފި
އޭގެ ޖަވާބެއްގެ ގޮތުގައި، ރައީސް ވަހީދުގެ ޓީމު ރާވާލުމަށާއި ރާއްޖޭގެ  މޫނުމަތި ރީތިކުރުމަށް ވަކި ބަޔަކާ ހަވާލުކުރުމަށް އެޕްސްޓީން ލަފާދިން
އޭރުގެ ވެރިކަމުގެ ހާލަތު ބަޔާންކޮށް، ސިޔާސީ ގޮތުން ކުރިއަށް ދާންވީ ގޮތުގެ ލަފާ ހޯއްދެވި
ކާކުކަން ނޭނގޭ ފަރާތަކުން 4 ބިލިއަން ޑޮލަރު ރާއްޖޭގެ މަރުކަޒީ ބޭންކަށް ޑިޕޮސިޓް ކުރުމަށް ބޭނުންވާ ކަމަށް، ސަރުކާރުގެ ފިނޭންސް މިނިސްޓަރާ ހަވާލާ ދެއްވާ ރައީސް ވަހީދު، އެޕްސްޓީން ގާތު ވިދާޅުވި
އޭނާ ބުނީ އެއީ ޝައްކު އުފެދޭ މުއާމަލާތެއް ކަމަށާއި ބޮޑަށް ބެލެވެނީ ސްކޭމެއް ކަމަށް
އެނގުން މުހިއްމު - މުއްސަނދި ފައިނޭންސަރު އެޕްސްޓީން 2019 ވަނަ އަހަރު ހައްޔަރުކުރީ ޖިންސީ ވަގުފާރީގެ ފެޑެރަލް ތުހުމަތުގަ އެވެ.
އެތައް ސަތޭކަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ބެލެވޭ އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނީ އޭނާ ހައްޔަރުކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ނިއު ޔޯކް ސިޓީގެ ފެޑެރަލް ޖަލެއްގައި ހުންނަ އޭނާގެ ގޮޅީގެ ތެރޭގަ އެވެ. އޭނާ އަމިއްލައަށް މަރުވިކަން ތަހުގީގަށް އެނގުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ