ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމަށް، މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) ގެ މެންޑޭޓުގައި ނުވެސް ހިމެނޭ މަސައްކަތްތައް އެ ކުންފުންޏާ ހަވާލު ކުރަމުންދާ ދިޔުމާ ދެކޮޅު ހެދުމުން މުހައްމަދު ރިޔާޒު ބޯޑުން ވަކިކޮށްފި އެވެ.
ރިޔާޒު، އެމްއޭސީއެލްގެ ބޯޑުން ވަކިކުރިކަން އަންގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާއަށް ސިޓީ ފޮނުވީ އޮކްޓޯބަރު 18، ގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ވަކިކުރަން ނިންމީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްއޭސީއެލްގެ މެންޑޭޓާއި ކަނޑައެޅިގެން ދެކޮޅު މަޝްރޫއުތަކާއި ހަވާލުވުމާއި ދެކޮޅު ހެދުމުންނެވެ. އެގޮތުން ބިން ހިއްކުމަށް އެމްއޭސީއެލް އިން ވަކި ކުންފުންޏެއް ހަދައި އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު އިންވެސްޓް ކުރުމާއި ރިޔާޒު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތައް އެމްއޭސީއެލް ފައިސާ ހަރަދުކޮށްގެން ފުއްދުމަށްޓަކައި މަޝްރޫއުތައް ދަނީ ފަށަމުންނެވެ. އޭގެތެރޭގައި 63 ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމާއި ބިން ހިއްކުން ވެސް ހިމެނެ އެވެ.
"މިފަދަ ކަންކަމާ ރިޔާޒު އަދި ބޯޑުގެ ބައެއް މެންބަރުން ދެކޮޅު." ނަން ނުޖެހުމަށް ޝަރުތުކޮށް މީހަކު ބުންޏެވެ.
މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ އިތުރުން މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލްއިން އާ ކުންފުންޏެއް އުފައްދައި، ލޯނެއް ނަގައިގެން އެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީން ދައްކާ ގޮތުގައި ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އުފައްދާފައި މި ކުންފުނީގެ 100 ޕަސެންޓު ހިއްސާދާރަކީ އެމްއޭސީއެލް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަރީފެވެ.
އެމްއޭސީއެލްގެ އައު ކުންފުންޏާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އަލަށް އުފެއްދި ޕެނިންސޫލާ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން އެމްއޭސީއެލްގެ އިސްވެރިން ދަނީ މަޝްވަރާ ކުރަމުންނެވެ. އެކަމާމެދު މިހާތަނަށް ވަކި ގޮތެއް ނިންމިކަން ކަށަވަރެއް ނުވެ އެވެ.
ފިޓްނަސް ސެންޓަރުތައް ހެދުމަށް 327 މިލިއަން ރުފިޔާ އެމްއޭސީއެލްއިން ހޭދަކުރާއިރު މުއިއްޒުގެ އެ ވައުދު ފުއްދަމުން ދަނީ އެމްއޭސީއެލްގެ ބޯޑުން ފާސްނުކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މުއިއްޒުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުން އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކޮށްފި މުއިއްޒުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުން އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ