މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު އޮޅުންފިލުވަން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެއްޖެ އެވެ.
ހިތަދޫގައި އަޅާ އިސްލާމީ މަރުކަޒާ ގުޅޭގޮތުން މިނިސްޓަރު ޝަހީމްއާ ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް އެވެ. އޭނާ ސުވާލު ކުރެއްވީ އެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައި ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނާޒިލް އެދުނީ އެކަމުގެ ހަގީގަތް ސާފުކޮށް ދިނުމަށެވެ.
ނާޒިލްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކައަކީ މުޅީން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލު ކޮށްފައިވާ ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލު ކުރީމާ މަސައްކަތް ލަސްވަމުން ދަނީ،" ޝަހީމް ވިދާޅުވި އެވެ.
އެ ޖަވާބާއެކު މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެށްޓެވުމުން ޝަހީމް ވަނީ ރުޅި އިސްކުރައްވައި ވާހަކަދައްކަވައިފަ އެވެ. ޝަހީމް ވިދާޅުވީ ސުވާލު ކުރުމަށްފަހު ޖަވާބު އަޑުއެހުމުގެ ގާބިލުކަން މެންބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.
"ހުރިހާ ފައިސާއެއް އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވިއިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކައި އޮތް، އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ ޖަވާބު ސުވާލު ކުރައްވާފައި، ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު، 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ، ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" ރުޅި އިސްކުރައްވައި އަޑުހަރުކޮށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ތަޅު އިންތިހާއަށް ހޫނުވެ ބައެއް މެންބަރުން ކޮޅަށް ތެދުވެ އަޑުގަދަ ކުރަން ފެށި އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރެވުނެ އެވެ.
މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ރިޔާސަތުން އަންގަމުންދިޔަ އެވެ. އެއަށްފަހު ރިޔާސަތުން ވަނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.
ޝަހީމް ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލިސް ހޫނުވެއްޖެ ޝަހީމް ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލިސް ހޫނުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ